ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މަޖިލީހުގެ މެންބަރުން އިށީނދެ ވަޑައިގެން ތިއްބަވާއިރު ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ތަރުތީބު ބަދަލު ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން މަޖިލީހުގެ ކޮމެޓީން ކުރި މަސައްކަތުގައި ކޮމެޓީގެ ގިނަ މެމްބަރުން ތާއީދުކޮށްފައިވަނީ ދުނިޔޭގެ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައިވެސް ޕާލިމަންޓްތަކުގައި މެމްބަރުން ތިއްބަވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަކިން ތިއްބެވުމަށެވެ.

މަޖިލީހުގެ މެމްބަރުން ތިއްބަވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާއިރު މިހާރު މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެންމެ ކުރީގައި ތިއްބަވާ ގޮތަށެވެ. އަދި އޭގެ ފަހަތުން އަތޮޅުތަކުގެ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީގައި މިކަމަށް ކުރެވުނު ބަހުސްގައި މެމްބަރުންވަނީ އެކި ޚިޔާލުތައް ފާޅުކުރަށްވާފައެވެ. ބައެއް މެމްބަރުންވަނީ މިހާރު އޮތް ތަރުތީބަށް ބަދަލު ގެނެސް ހއ. އިން ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

ނަމަވެސް ދުނިޔޭގެ ޑިމޮކްރަޓިކް ޤައުމުތަކާއި، ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގައިވެސް މިނިޒާމުތަކާއި އެއްގޮތަށް މަޖިލިސްތެރޭގެ ކަންކަން ބައްޓަން ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. ކޮމިޓީގެ ގިނަ މެމްބަރުންވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިން ތިބޭ ގޮތަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން