ސިނަމާލެއާއި މާލެ ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، އެ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރުން ސިނަމާލެއާއި މާލެ ހިޔާ ފްލެޓުތަކުގެ ވެރިފަރާތްތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް. ނިންމިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އިއްޔެ އެ ފްލެޓުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހުގައެވެ.

ރައީސް ނިންމަވާފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދިނުމަށެވެ. މީގެ އިތުރުން، އެ އިމާރާތްތަކުގެ ސްޓްރަކްޗަރ ހަލާކުވެފައިވާތީ އާއި، އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ކޮންމެ ފްލެޓަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދިނުމަށްވެސް ނިންމަވާފައެވެ.

މި ނިންމުމާ ގުޅިގެން ފާޑުވިދާޅުވަމުން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަނަސް ވިދާޅުވީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ވަކި ބަޔަކަށް ފައިސާ ބެހުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަކި ބަޔަކަށް ފައިސާ ބެހުމަށް ނުވާ ކަމަށް ވަނީނަމަ މި ގައުމުގެ ނުހިނގާ ތިޔަބާވަތުގެ ކަމެއް" އަނަސް ވިދާޅުވިއެވެ.



މި ފްލެޓުތަކުގެ ވެރިފަރާތްތަކަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ފްލެޓަށް ދައްކަންޖެހޭ ބާކީ ފައިސާ އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ނަމަ، އެ އަދަދުން އެއްލައްކަ ރުފިޔާ އުނިކޮށްދެވޭނެއެވެ. އަދި ދައްކަންޖެހޭ ފައިސާ އެއްލައްކަ ރުފިޔާއަށް ވުރެ މަދު ނަމަ، އެ ފައިސާ އެއްކޮށް ކަނޑާލުމަށްފަހު ބާކީވާ މިންވަރު ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. ހަމައެއާއެކު ފްލެޓަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތް އެއްކޮށް ދިނުމަށް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު