އަހުމަދު މަސްނޫމް   6 އޮކްޓޯބަރު 2020 - 19:20
ތިން ފުލުހަކަށް އިންޒާރު ދިން މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށެވެ.

ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައުވާ އުފުލާފައިވަނީ، 2019 ޑިސެމްބަރ މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ، މިމައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ވަހީދު އިބްރާހީމް ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިޢުތިރާފުވެފައިކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށްޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ދަޢުވާގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 17 / 2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް (މިއީ މީނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން) އެ ގާނޫނުގެ ދަށުން މުޙައްމަދު ވަޙީދު އިބްރާހީމް، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން