ހައި ކޯޓަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހައި ކޯޓަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖޭގެ ހައިކޯޓަށް 40 އަހަރު ފުރުމާއި ގުޅިގެން، ހައިކޯޓުގެ ޚިދުމަތުގައި 40 އަހަރު ގެ ނަމުގައި ލިޔެފައިވާ ތާރީހީ ފޮތެއް ނެރެފިއެވެ.

ހައިކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، ހައިކޯޓުގެ ތާރީޚާއި މުހިއްމު އިވެންޓްތަކާއި ޚިދުމަތަށް އައި ބަދަލުތަކަށް ބިނާކޮށް ލިޔެފައިވާ ހައިކޯޓުގެ ތާރީޚީ ފޮތް "ދިވެހިރާއްޖޭގެ ހައިކޯޓު: ޚިދުމަތުގައި 40 އަހަރު" ނެރެދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

މި ރަސްމިއްޔާތުގައި ހައިކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް، ނުވަތަ ސްޓޭންޑާޑް އޮޕްރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ނެރެދެއްވީ، ފަނޑިޔާރު އަލްއުސްތާޒް އަލީ ސަމީރެވެ. ހައިކޯޓުން ފާހަގަކުރާގޮތުގައި، ކޯޓުގެ މަސައްކަތްތައް ގެންދާނެ ގޮތް އެއްފޮތަކުން ފެންނާނެހެން ހެދުމަކީ ކޯޓުގެ މަސައްކަތްތައް ހިންގާއިރު ފެންވަރު ހިފެހެއްޓި، އޮޅުންތައް ނާރައި އޮމާންކޮށް ގެންދިއުމަށް މަގުފަހި ކޮށްދޭނެކަމެކެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ސަޕްލިމެންޓް ވެސް ނެރެފައެވެ. މި ސަޕްލިމެންޓް ނެރެދެއްވީ، ހައިކޯޓް ހިންގުމާ ޙަވާލުވެހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއެވެ.

މީގެއިތުރުން ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ހުރިހާ ހަރުފަތެއް ޓެކްނޮލޮޖީގެ ޒަރީއާއިން ފުރިހަމަ ކުރުމަށް ތައްޔާރުކޮށްފައިވާ ކޯޓް މޮޑިއުލްގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 40 އަހަރު ދުވަހުގެ ހިދުމަތަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ "ހިދުމަތުގައި 40 އަހަރު ވީޑިއޯ" ވެސް ވަނީ ލޯންޗް ކޮށްފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލްވެވޭނެ ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ހައިކޯޓުން ހާމަކުރެއެވެ. މިގޮތުން ހަތަރު ދާއިރާ އަކަށް ހައިކޯޓުގެ މަސައްކަތްތައް އަމާޒު ކުރެވިފައިވެއެވެ. އެއީ ކޯޓަށް ވާސިލްވެވޭނެ ފަސޭހަ ގޮތްތައް ފަހިކޮށްދިނުމާއި، ޓެކްނޮލޮޖީގެ ގޮތުން ޚިދުމަތްތައް އަވަސްކޮށް ލިބޭނެ ގޮތް ހެދުމާއި، ކޯޓުގެ އެތެރޭގެ ހިންގުން ލިޔެވިގެން ވަކި ހަމަތަކަކާއި ސްޑޭންޑަޑްތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދިއުމާއި، ކޯޓުގެ މުވައްޒަފުންނަކީ ފަންނީގޮތުން ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގާބިލް އުފަލާއިއެކު ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ހެދުމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދާފައި ވަނީ 1980 ވަނަ އަހަރުގެ އޮކްޓޯބަރމަހުގެ 05 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޤަރާރަކުން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން