ސަރުކާރަށް ވޯޓު ދީގެން ނޫނީ ތަރައްޤީއެއް ނުގެނެވޭނެ ވާހަކަ ދައްކާ ބަޔަކު އެ ދައްކަނީ ތަންދޮރު ނޭނގޭތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރު ހިންގާ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޖަމީލް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ޤާނޫނުން މިހާރު ވެސް ސަރުކާރަށް ވަނީ ބޭނުންވާ ހުރިހާ ޖާގައެއް ލިބިދީފައެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދުމަށް ދެއްކި އެއް ވާހަކައަކީ، ސާފު މެޖޯރިޓީ ލިބިއްޖެނަމަ ދެ އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ބޭންކް ރޭޓަށް ތިރިކުރެވޭނެ ކަމަށް ބުނި ބުނުން ކަމަށާއި، އެއީ މަޖިލީހުން "ޖާދޫ ހަދަން" ދަންނަ ކަމަށް ދެއްކި ވާހަކައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ، މިހާރު ވެސް މުޅި ދައުލަތުގެ ބަޖެޓް އޮތީ ރައީސް މުޢިއްޒަށް ދީފައި ކަމަށާއި، ނަމަވެސް ޤައުމަށް އައި ތަރައްޤީއެއް ފެންނަން ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ފެންނަނީ ޤައުމުގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވަމުންދާ މަންޒަރު ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތެއް ނުކޮށް މުސާރަދޭ ބަޔަކު އުފައްދައި، ހިލޭ ވެލްފެއަރ ނިޒާމެއްގެ ތެރޭގައި "ފްރީލޯޑުން"ގެ ގޮތުގައި މަސްތުވެފައިވާ އާބާދީއެއް އުފެދެމުންދާ ކަމަށްވެސް ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ.

"ތަރައްޤީވީ ރިޝްވަތުގެ ނުބައި ޖަރާސީމު، ތަރައްޤީވީ މަތިން ފެށިގެން ތިރިއަށް ލަދެއް ނެތި ރައްޔިތުންގެ ފޮށިފަޅާ ވައްކަން ކުރުން، ތަރަައްޤީވީ ޙައްދެއް ނެތި ދޮގުހެދުން،" ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ދޮގުހެދުމާ ގުޅޭގޮތުން ދީނީ ދަލީލު ދައްކަވަމުން ޖަމީލް ވަނީ ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްވެސް ހިއްސާކުރައްވާފައެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވަނީ، ދޮގުހެދުމަކީ ނުބައި އަމަލުތަކަށް މަގުދައްކާ ކަމެއް ކަމަށާއި، ނުބައި އަމަލުތައް ނަރަކައަށް މަގުދައްކާ ކަމަށެވެ. އަދި އަބަދު ދޮގުހަދާ މީހާ، ﷲ ގެ ހަޟްރަތުގައި ކައްޒާބެއް ކަމުގައި ލިޔެވިދާނެ ކަމަށް އެ ޙަދީޘްފުޅުގައިވެއެވެ.

ޖަމީލް ވިދާޅުވީ ރައީސް މުޢިއްޒަކީ ދޮގުހެދުން "ފެޝަނަކަށް" ހައްދަވާފައިވާ ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅަކަށް ވާގިވެރިވެގެން ޤައުމަށް ލިބޭނީ ދެރައާއި ނިކަމެތިކަން ކަމަށެވެ. އަދި ޤައުމު ސަލާމަތް ކުރެވެން އޮތީ އެންމެން ނިކުމެ ރައީސް މުޢިއްޒަށާއި ޕީއެންސީއަށް "ނޫނެކޭ" ބުނެގެން ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"‏އެންމެން ނިކުމެ، މުއިއްޒަށާއި ޕީއެންސީއަށް ނޫނެކޭ ބުނެގެން ނޫނީ ޤައުމަށް ސަލާމަތެއް ނެތް!" ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު