ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ކުއްލި ބައްދަލު ވުމެއް ބާއްވަވައި ވަރަށް ގިނަ ކަންކަމާއި މަޝްވަރާ ކުރަށްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމާއި ރައީސް ނަޝީދު މިއަދު ކުއްލި ގޮތަކަށް ބައްދަލު ކުރަށްވާފައި މިވަނީ ރައީސް ނަޝީދަކީ މިހާރުގެ ސަރުކާރުގެ ބައިވެރިއެއް ނޫންކަމަށް ވިދާޅުވެ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވިތާވެސް މާ ގިނައިރުތަކެއް ނުވެއެވެ.

ރައީސް އިބްރާހީމް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން. ކޯވިޑް 19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް" ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ނަޝީދުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާއި ބެހޭ ތަފުސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރަށްވައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ހިންގުމާއި ކޯވިޑާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހާއި އެކީ މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މީގެކުރިންވެސް ކޯވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ދެބޭފުޅުންވަނީ ރައީސް ދިރިއުޅުއްވާ މުލީއާގޭގައި މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ. އެފަހަރު ވެސް ބައްދަލުވުމާއި ބެހޭގޮތުން ޓްވީޓް ކުރެއްވީ ރައީސް އިބްރާހީމެވެ. އެފަހަރުވެސް ދެބޭފުޅުން ބައްދަލު ކުރަށްވާފައިވަނީ މަޖިލީހުގެ ތެރެއިން ނިންމަން ހުރި ގިނަ ކަންތައްތަކެއްގައި ދެބޭފުޅުންގެ ޚިޔާލުފުޅު ވަރަށް ބޮޑަށް ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދުގެ ބައްދަލުވުމުގެ ކުރިން ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށެވެ.

"އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ. އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާޢީދުކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން