ތައި ކުންފުންޏަކުން ރާއްޖޭގައި ހިންގަމުންދާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
ތައި ކުންފުންޏަކުން ރާއްޖޭގައި ހިންގަމުންދާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
ފަތުރުވެރިކަމުގެ ޑިމާންޑު ބޮޑުވެ ދިވެހި ރާއްޖޭގައި ރިސޯޓުތައް ހިންގަމުންދާ ތައި ކުންފުނިތަކުގެ ބައެއް ރިސޯޓުތައް އަލުން ހުޅުވުމަށް ތައްޔާރުވަމުންދާކަށް ތައިލެންޑްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގައި އެކުންފުނިން ހިންގާ ރިސޯޓުތައް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ ފަތުރު ވެރިކަމަށް އޮތް ޑިމާންޑު ބޮޑުކަމުންކަމަށް، ރާއްޖޭގައި ދެ ރިސޯޓު ހިންގަމުންދާ، ތައިލޭންޑް ކުންފުންޏެއް ކަމަށްވާ ސެންޓްރަލް ޕްލާޒާ ހޮޓެލްގެ އިސް ވެރިއެއް ކަމަށްވާ ރޮންނަޗިޓް އާއި ހަވާލާދީ ތައިލެންޑްގެ ނޫހެއް ކަމަށްވާ ބެންގކޮކް ޕޯސްޓްގައި ބުނެފައިވެއެވެ.

ރޮންނަޗިޓް ބުނާގޮތުގައި އެކުންފުނިން ރާއްޖޭގައި ހިންގަމުންދަނީ ސެންޓާރާ ރަސްފުށި އަދި ސެންޓާރާ ގްރޭންޑް ގެ ނަމުގައި ހިންގަމުންދާ 2 ރިސޯޓެވެ.

މިދެ ރިސޯޓަކީވެސް ޗައިނީސް މާކެޓުގެ ޑިމާންޑް އޮތް 2 ރިސޯޓެއް ނަމަވެސް، ޗައިނާގެ ފަތުރުވެރިކަން އެގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގަން ފެށުމުން، ޗައިނީސް މާކެޓުގެ ޑިމާންޑް ފަނޑުވެފައިވާކަމަށްވެސް ރޮންނަޗިޓް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޔޫރަޕް އަދި މިޑްލް އީސްޓުން އަންނަ ފަތުރު ވެރިން ގިނަދުވަސްތަކަކަށް ތިބޭނެ ގޮތަށް ބުކިން ލިބޭކަމަށްވެސް ރޮންނަޗިޓް ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިންގެ ޑިމާންޑް އޮންނަ މާކެޓްތައް ބަދަލުވުމާމެދު، ތައިލެންޑް ކުންފުންޏަކުން ހިންގަމުންދާ ދުސިތު ތާނި ރިސޯޓުގެ ޖެނެރަލް މެނޭޖަރގެ ހިޔާލުވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ.

ބެންގކޮކް ޕޯސްޓަށް މައުލޫމާތު ދެމުން ދުސިތު ތާނި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ތޯމަސް ވެބަރ ބުނެފައިވަނީ އޭޝިޔާގެ ގިނަ ގައުމުތަކުގެ ބޯޑަރ އަދިވެސް ބަންދުކޮށްފައި ވުމުން އޭޝިޔާގެ ގިނަ ގައުމުތަކުން ކުރިން ލިބިފައި ހުރި ބުކިންގސް ކެންސަލްވެފައިވާކަމަށެވެ. އަދި މިއަންނަ އަހަރުވެސް އޭޝިޔާ މާކެޓުންގެ ޑިމާންޑާމެދު ޔަގީންކަން ނެތް ކަމަށްވެސް ތޯމަސް ވެބަރ ބުނެފައިވެއެވެ.

އެކެއް އޮކްޓޯބަރުގައި އަލުން ހުޅުވާފައިވާ އަމާރީ ހަވޮއްޑައިގެ ޖެނެރަލް މެނޭޖަރ އެލެކްސެންޑްރާ ގައުސަރ އާއި ހަވާލާދީ ބެންގކޮކް ޕޯސްޓްގައި ހާމަކޮށްފައިވާގޮތުން، ޖަރުމަނު އަދި ރަޝިޔާގެ ފަތުރުވެރިންގެ ފަރާތުން ލިބޭ ބުކިންގްސް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ވުމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތެވެ.

ދިވެހި ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބަންދުކުރި ބޯޑަރު އަލުން ހުޅުވައިވައިފަނީ ޖުލައި މަހު 15ގައެވެ. ބޯޑަރު ހުޅުވުމާއެކީ، ރާއްޖޭގެ ރިސޯޓުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިނަށް ފެތޭ ގޮތަށް ހުޅުވުމުގެ ހުއްދަދޭން ވަނީ ފަށާފައެެވެ. އަދި ސެޕްޓެމްބަރު މަހު 10 އަކުން ފެށިގެން ރާއްޖެ އެތެރެވާ ކޮންމެ ފަތުރުވެރިއަކު ރާއްޖެ އެތެރެވުމަށް ޕީސީއާރ ޓެސްޓުގެ ނެގަޓިވް ނަތީޖާއެއް އޮންނަންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން