ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ
ކުޑަކުދީންނަށް އަނިޔާކުރާ މައްސަލަތައް ބެލުމުގައި ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާ މައްސަލަތައް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކޮމިޝަނުން ކުރަމުން ގެންދާ ކަމަށެވެ.

އަދި ޤާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ޤާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަޙުޤީޤުގެ މަސައްކަތްތައް ކޮމިޝަނުން ކުރަމުން ގެންދާކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ޙާލަތު ވަޒަންކޮށް، އެ މަރުކަޒުތަކުގައި އެކުދިންނާމެދު ޢަމަލުކުރެވެމުންދާ ގޮތްތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ 5 މަރުކަޒަކަށް 10 މާޗް 2020 އިން 14 އެޕްރީލް 2020 އަށް އެ ކޮމިޝަނުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ޒިޔާރަތްތަކުގައި ފާހަގަ ކުރެވުނު މައްސަލަތަކުގެ ރިޕޯޓް މިހާރު ރައީސް އިބްރާހިމަށް ހުށައަޅާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން، އެ ކޮމިޝަނުން ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންކަމާއި، ކުޑަކުދިންގެ ހިޔާގައި އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް 26 މާޗް 2020 ގައި ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެވިފައިވާނެ ކަމަށާއި، ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތައް ތަންފީޛުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންއާއެއްގޮތަށް މަސައްކަތް ކުރަމުން ދާކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ކޮމިޝަނުން ބުނީ ދޫނިދޫ ޖަލަށާއި، އަތޮޅުވެހި ކަސްޓޯޑިއަލްއަށާއި، އައްސޭރި ޖަލަށާއި، ފިޔަވަތި މަރުކަޒަށް ކޮމިޝަނުން ޒިޔާރަތް ކޮށްފައިވާކަމަށެވެ. އަދި އެ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި، ތަނުގެ ރައްކާތެރިކަމާއި، އެތަންތަނުގައި ތިބޭ ކުދިންނަށް ލިބޭ ޚިދުމަތްތަކާއި، އެތަންތަނުގައި ހުރި ރިސްކުތަކާއި، އެ މަރުކަޒުތަކުގައި ކުދިންނާމެދު ޢަމަލު ކުރެވެމުންދާ އުސޫލުތަކާމެދު މަޢުލޫމާތު އެއްކޮށް، އެ މަރުކަޒުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމިޝަނުން ބުނީ ކޮމިޝަނުން ތައްޔާރުކުރި ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވަތި މަރުކަޒުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަނާއި، ދޫނިދޫ ކަސްޓޯޑިއަލްއާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަނާއި، އަދި އައްސޭރި ޖަލުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަން ކޮމިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ.

ކޮމިޝަނުން ބުނީ ކޯވިޑް-19 ޕެންޑެމިކްގެ ޙާލަތާގުޅިގެން ކޮމިޝަނުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވި ކަމުގައިވީނަމަވެސް، ކޮމިޝަނުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކޮށް، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ކުޑަކުދިންނަށް ޚިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން އިޞްލާޙުކުރެވޭނެ ގޮތްތައް ހުށަހަޅައި، ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޛުކުރުމަށް ބާރުއެޅުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަހުމަދު ސާހިލް

11-Oct-2020

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު ގެ ދަރިފުޅު ކަންތައްތައް ކުރެވިފަ އޮތީ ވަރަށް ފަރުވާ ކުޑަ ކޯން



ޓްރެންޑިން