ރާއްޖެއިން ފެނުނު ބުރުގެރިއާ ހެނެސީ ގަސް (ފޮޓޯ: އެންވަޔަރުމެންޓް މިނިސްޓްރީ)
ރާއްޖެއިން ފެނުނު ބުރުގެރިއާ ހެނެސީ ގަސް (ފޮޓޯ: އެންވަޔަރުމެންޓް މިނިސްޓްރީ)
ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީ ގަސް ރާއްޖެއިން އަލަށް ފެނިއްޖެއެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ބުރުގެރިއާ ހެނެސީ" ގަސް ފެނުނީ ހއ. ކެލާގެ ކުޅިން ކަމަށެވެ. މިދިޔަ މާޗު މަހު ހިންގި އިކޮލޮޖިކަލް ސާވޭގެ ތެރެއިން އެ ބާވަތުގެ ހަތަރު ގަހެއް ފެނިފައިވެ އެވެ.

މިސާރވޭ ކުރިއަށް ގެންދިއައީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި، މި ސާވޭއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެން ކުރިއަށް ގެންދެވުނު ސާރވޭއެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި މިގަސް އައިޑެންޓިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ ކަމަށް މިނިސްޓްރީން ބުނެއެވެ.

2010 ވަނަ އަހަރާ ހަމައަށް ކުރި ސާވޭއިން ދައްކާގޮތުގައި، ދުނިޔޭގައި ހުރީ އެ ބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ މަދުވަމުންދާއިރު، ކެލާއިން ބުރުގެރިއާ ހެނެސީގެ ގަސް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން