ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ހައިކޯޓުން ކުރާ ޙުކުމްތައް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް އެކޯޓުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އާ ގަވާއިދުގައި ބުނެފައިވަނީ ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ ޙުކުމާމެދު، ނުވަތަ އެ ކޯޓުން ކުރާ އަމުރަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ސުޕްރީމް ކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މިގޮތަށް ސުޕްރީމް ކޯޓުން ޢަމަލު ކުރާނީ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ބެލުމަށްފަހު އެކަމެއް ތަންފީޒުނުކޮށް ވަގުތީގޮތުން ހިފެހެއްޓުން ރަނގަޅު ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި ކަމަށް ވެސް ސުޕްރީމް ކޯޓުން އާއްމުކުރި ޤަވައިދުގައިވެއެވެ. މިގޮތުން، ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދޭނަމަ އެދެންވާނީ ސުޕްރީމް ކޯޓުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުން ކަމަށް ވެސް ޤަވައިދުގައި ބުނެ އެވެ.

ސުޕްރީމް ކޯޓުން މިއަދު އެކޯޓުގެ އާޤަވައިދު އާއްމު ކުރިއިރު ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. މީގެ ކުރިން ސުޕްރީމް ކޯޓު ހިންގުމުގައި އަމަލު ކުރަމުން އައީ 2009 ވަނަ އަހަރުގެ މެއި މަހު އާއްމުކުރި ޤަވާއިދަކަށް ކަމަށްވާއިރު އެޤަވާއިދުގައި ހައި ކޯޓުގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަން ހާމަކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ޙުކުމެއް އަލުން ބެލޭނެ ހާލަތްތައް ވެސް މިރޭ އާއްމުކުރި ޤަވައިދުގައި ހިމަނާފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ޙުކުމެއް އަލުން ބެލޭނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ނުވަތަ މަސްލަހަތު އޮތް ފަރާތަކުން އެ މައްސަލައެއް ހުށަހެޅުމުން، މައްސަލައިގެ ތަބީޢަތަށް ރިޢާޔަތްކުރުމާއެކު، އެ މައްސަލައަކީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް، ޤާނޫނާ ޚިލާފު ނިންމުމަކަށްވުމުގެ ސަބަބުން، ނުވަތަ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބިއްޖެނަމަ އެ ހެއްކަށް ރިޢާޔަތް ނުކުރުމުގެ ސަބަބުން، ނުވަތަ އެނޫންވެސް އެހެން ސަބަބަކާ ހުރެ، ފާޅުކަން ބޮޑު ބޭއިންޞާފެއް ފެންނަން އޮންނަ ޙާލަތުގައި ކަމަށް ޤަވާއިދުގައި ވަނީ ބުނެފައެވެ.

އަދި ކުރިން ހުށަހެޅިފައިވާ ހެއްކަކާ ބެހޭގޮތުން ނުވަތަ ޤާނޫނީ ނުކުތާއަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތުއޮތުމަކީ ޙުކުމެއް ނުވަތަ ނިންމުމެއް އަލުން ބެލުމަށް ހުއްދަދެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ޤަވާއިދުގައިވެއެވެ. ސުޕްރީމް ކޯޓުން އަމަލުކުރަން ފަށާ ޤަވާއިދަށް އަމަލު ކުރަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާއިދާއި މީގެ ކުރިން އެކޯޓުން އާއްމުކޮށްފައިވާ އަށް އުސޫލަކާއި އެއް ސާކިއުލާ އަދި އެއް އާއްމު ސިޓީ އުވިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން