އެކި ސަބަބުތަކާ ހުރެ މި ރަމަޟާން މަހު އުމްރާއަށް ނުފުރި ތިބި 164 އުމްރާވެރިން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ޗާޓަރުކުރި ޚާއްސަ ފްލައިޓެއްގައި މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، އެކި ކުންފުނިތަކުގެ ހަވާލުގައި އުމްރާއަށް ދިއުމަށް އުޅުނު މީހުންނާއި، ޓްރާންސިޓްކޮށް ފުރަން އުޅެނިކޮށް ފްލައިޓު ކެންސަލްވުމުގެ ސަބަބުން މަޑުކުރަން ޖެހުނު މީހުން ހިމެނޭހެން ޖުމްލަ 164 މީހަކު މިރޭ އުމްރާއަށް ފުރާނެ ކަމަށެވެ. މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު ވިދާޅުވެފައިވަނީ ނުފުރިފައި ތިބީ 150 އެއްހާ މީހުން ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 164 އަށް އިތުރުވެފައެވެ.

މި އުމްރާވެރިން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓެއް ޗާޓަރުކޮށްފައެވެ. އަދި މި މީހުން މައްކާގައި ތިބޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ޚާއްސަ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، މިނިސްޓަރު ޝަހީމް ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ އުމްރާ ގުރޫޕެއް ކަމަށްވާ އަލް-އަބްރާރު ކުންފުނީގެ ދަށުން ފުރަން ތައްޔާރުވި އުމްރާވެރިންނަށެވެ. އެ ކުންފުނިން 110 މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ދަތުރު ކެންސަލްކުރި މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން، އެ ކުންފުނީގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކައި، ދަތުރު ހަމަނުޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު 28 މީހަކު މިދިޔަ ބުދަ ދުވަހު ވެސް ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު ވަނީ ފުރުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ އުމްރާވެރިންނަށް ކުރިމަތިވި މި ދަތި އުނދަގޫތަކަށް އަވަސް ހައްލެއް ހޯދައިދީ، އެ ފަރާތްތަކުގެ މުގައްދަސް ދަތުރު ފުރިހަމަކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު