ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
މިފްކޯ އިން ގަންނަ މަހަށް މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނެ އޯޑީ ފެސިލިޓީއެއް ސަރުކާރުން މިހާރު އެ ކުންފުންޏަށް ހަމަޖައްސައިދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ގަންނަ މަހަށް ވަގުތުން ފައިސާ ދެވޭނެ އޯޑީ ފެސިލިޓީއެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށާއި، އޭގެ ބޭނުމަކީ މަސްވެރިންގެ އަތުން ގަންނަ މަހަށް ވަގުތުން ފައިސާ ދެވޭނެ ގޮތަށް މިފްކޯގެ ސިޔާސަތުތައް ބައްޓަން ކުރުން ކަމަށެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގައި މިފްކޯ ހިންގަމުންދިޔައީ ގެއްލުމުގައި ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ކުރު މުސްތަގުބަލެއްގައި އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ ކުރިން މަސް ގަންނަ ކޮންމެ ޓަނަކުން 200 ނުވަތަ 300 ޑޮލަރުގެ ގެއްލުމެއް މިފްކޯ އަށް ލިބޭކަމަށް އަމީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާގައި މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނެ މަގު މިފްކޯ އަށް ފަހިވެގެންދާނެ." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސައޫދީ ފަންޑުގެ އެހީގައި 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފެށުމަށް ޕްރޮޕޯސަލް ހަދައި އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށި އެކަންތައް ކުރެވޭނެ، އޭގެތެރޭގައި މަސްވެރިކަމުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި، އަދި އޭގެއިތުރުން ކޭނިން ( ދަޅު މަސް ބަންދުކުރުން ) ފެސިލިޓީ އެކްސްޕޭންޑް ކުރުންވެސް ހިމެނޭ. އޭގެ މާނައަކީ ރާއްޖޭގައި ވެލިއު އެޑްކޮށްގެން ރާއްޖޭގެ ދަޅު މަސް ބޭރުގެ މާކެޓަށް ވިއްކައި އަޅުގަނޑުމެންނަށް އޭގެ ޕްރިމިއަމް ލިބުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެމަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު މަންފާ އެއް ލިބިގެންދާނެ ކަމަށެވެ. އަދި މިފްކޯ ތަރައްގީ ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ފަށާއިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"އެލްއޯސީގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ވެސް އަޅުގަނޑުމެން މިފްކޯގެ އެކްސްޕެންޝަނަށް ހަމަ ޕްރޮޖެކްޓްތައް އެބަ ހިންގަން. އެހެންވީމާ އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށި ނިމިގެންދާނެ." ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން