ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ކްލަބް ގްރީންސްޓްރީޓްސް ހާޒިރުނުވި މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި ފިޔަވަޅުތައް އިސްތިއުނާފުކުރަން ކްލަބް ވެލެންސިއާ އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެޕީލް ކޮމިޓީން ނިންމައިފިއެވެ.

މި މައްސަލަ ބަލައިނުގަތުމަށް އެޕީލް ކޮމިޓީން ނިންމީ، އިސްތިއުނާފު ކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުން ވެލެންސިއާ އިން މައްސަލަ ހުށަހަޅާފައިވާތީއެވެ. އެފްއޭއެމުން ބުނީ، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އިސްތިއުނާފުކުރަން ލިބޭ 7 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ވެލެންސިއާ އިން މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވެސް އެ ކްލަބުން ހުށަހަޅާފައި ނުވާތީ، މުއްދަތު ފާއިތުވި ފަހުން ހުށަހެޅި އިސްތިއުނާފު ބަލައިނުގަތުމަށް ކޮމިޓީން ވަނީ އިއްތިފާގުވެފައެވެ.

މި މައްސަލަ އުފެދިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީންސްޓްރީޓްސް ހާޒިރުނުވުމާ ގުޅިގެންނެވެ. އެ މެޗަށް ހާޒިރުނުވުމުން ގަވާއިދުގައިވާ ގޮތުގެ މަތިން ގްރީންސްޓްރީޓްސް 2-0 އިން ބަލިވި ކަމަށް ނިންމުމާއެކު، ލަނޑުގެ ތަފާތުން ވެލެންސިއާ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. ވެލެންސިއާ އިން ތުހުމަތުކުރާ ގޮތުގައި ގްރީންސްޓްރީޓްސް އިން މެޗަށް ހާޒިރުނުވީ ގަސްދުގައި ވެލެންސިއާ ރެލިގޭޓް ކުރުވުމުގެ މަގްސަދުގައެވެ.

މި މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ކުރިން ނިންމާފައިވަނީ ގްރީންސްޓްރީޓްސް 50،000 ރުފިޔާ އިން ޖޫރިމަނާކުރުމަށާއި، ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަނެވިއްކުން އެ ކްލަބަށް މަނާކުރުމަށެވެ. ނަމަވެސް ވެލެންސިއާ އިން އުއްމީދުކޮށްގެން ތިބީ ގްރީންސްޓްރީޓްސްގެ އަތުން ޕޮއިންޓް އުނިކުރާނެ ކަމަށެވެ. އެގޮތަށް ނިންމިނަމަ ލީގު ތާވަލަށް ބަދަލު އައިސް، ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމުގެ ފުރުސަތު ލިބުނީހެވެ.

މި މައްސަލައިގައި ގްރީންސްޓްރީޓްސް އިން ވަނީ ވެލެންސިއާގެ ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އެ ކްލަބުން ބުނީ މެޗަށް ހާޒިރުނުވީ ވަކި ޓީމެއް ރެލިގޭޓްކޮށް ވަކި ނަތީޖާއެއް ނެރުމުގެ މަޤްސަދުގައި ނޫންކަމަށެވެ. އަދި ވެލެންސިއާ އިން ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށްވެސް ގްރީންސްޓްރީޓްސް އިން ބުނެފައިވެއެވެ.

އެފްއޭއެމްގެ މި ނިންމުމާއެކު، ވެލެންސިއާ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު