ޤަބޫލު ކުރަށްވަނީ ޕާޓީ ނިޒާމު ކަމަށާއި، ބޭނުންވަނީ ޕީއެންސީއަށް ކުރިއެރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ހުޅުމާލޭ ދެކުނު ދާއިރާގައި ޕީއެންސީން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ. އެގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި ކަމަށާއި މިނިވަން ވިޔަސް އެމްޑީޕީ ވިޔަސް އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނޯންނާނެ ކަމަށެވެ.

"ޖުމްލަކޮށްވެސް ކައުންސިލް އިންތިޚާބުގަ އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް. އަޅުގަނޑަކީ ޕާޓީގެ ނިޒާމު ގަބޫލުކުރާ މީހެއް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ޕާޓީއަށް ކުރިއެރުން. ދޫންޏަށް ވޯޓުދޭން ބޭނުންވަނީ." ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާއިން އެފަދަ ވާހަކަތެއްގެ އަޑު މިއަދު އިވިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވާ ކެންޑިޑޭޓަކަށް ނޫނީ އެމްނިކުފާނުގެ ތާއީދު ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ހުޅުމާލޭ ދެކުނު ދާއިރާއަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވަނީ ރައީސް ޑރ. މުޢިއްޒުގެ ޢާއިލީ ބޭފުޅެއް ކަމަށްވާ އަޙްމަދު ޣާލިބެވެ.



ކިޔުންތެރިންގެ ހިޔާލު