ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުޙައްމަދުގެ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެދުނު 10:00އަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި ޤާސިމް ޙަސަން މަރާލާފައި އޮއްވައި ފެނިފައިވާއިރު އެޢަމަލު ހިންގި ކަމަށް ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު ވަނީ މީގެ ކުރިން ތަހުޤީޤުގައި އިޢުތިރާފް ވެފައެވެ. ގާސިމް މަރުވީ ބިރު ދައްކައިގެން ފޭރެން އުޅުމުގެ ތެރޭގައި ވަޅީގެ ހަމަލާއަކުން ކަމަށްބުނެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި އަދުހަމް ސޮއިވެސް ކުރިއެވެ. ނަމަވެސް މައްސަލާގެ އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ޤާސިމް ޙަސަން މަރާލިކަމަށް އިންކާރުކޮށްފައެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެށް ބާއްވަފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހުގެ ޝަރީޢަތުގައި އަދުހަމް ވަނީ ދަޢުލަތުގެ ވަކީލާއެކު މައްސަލައާއިގެން ކުރިއަށްދާން ބޭނުން ނުވާކަމަށް ބުނެ އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. އަދުހަމް ބުނީ މައްސަލައިގެ ތުހުމަތުގައި ޖަލުގައި ހޭދަކުރި ފަސް މަސް ދުވަހުގެ ތެރޭގައި ދަޢުލަތުން ހަމަޖައްސައިދިން ވަކީލާ އެއްވެސް މުޢާމަލާތެއް ކުރެވިފައި ނުވާކަމަށެވެ.

އެދުވަހުގެ ޝަރީޢަތުގައި މިމައްސަލަ ބައްލަވާ ޤާޟީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އަދުހަމަށް ފަސްދުވަހުގެ މުއްދަތެއްދީފައެވެ. އަދި ވީއެންމެ އަވަހަކަށް އަޑުއެހުމެއް ބާއްވާނެކަމަށްވެސް އެދުވަހު ޤާޟީ ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައި ވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން