ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނަގައިފިއެވެ.

މި މަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން، ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މި މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ރިލީސްކުރުމަށް އެފްއޭއެމް އިން މިހާރު ވަނީ ކްލަބްތަކަށް އަންގާފައެވެ.

އުމުރުން 40 އަހަރުގެ ދަގަނޑޭ ގައުމީ ސްކޮޑުގައި ހިމެނިފައި މިވަނީ، 2023 ވަނަ އަހަރުގެ މާޗް މަހު ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހުއެވެ. ދަގަނޑޭ މިހާރު ކުޅެމުންދާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ އޭނާ ގައުމީ ޓީމަށް ރިލީސްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ނިއު ރޭޑިއަންޓުން ބުނެފައިވަނީ، މިއީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "ދަގަނޑޭ އަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު. އޭނާގެ ހުނަރާއި، ދަނޑުމަތީގައި ދައްކާ ހިތްވަރަކީ މުޅި ގައުމު ފަޚުރުވެރިވާ ކަންކަން. ގައުމީ ޓީމަށް އޭނާ އެނބުރި އައުމަކީ ޓީމުގެ ރޫހު ވަރުގަދަވެ، ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް." އެ ކްލަބުން ބުނެފައިވެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަކުލުގެ ދެ އޮޕަރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނަމަވެސް، ދަގަނޑޭ އަންނަނީ މި ސީޒަނުގައި ނިއު ރޭޑިއަންޓަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އަރައި، މުހިންމު ލަނޑުތަކެއް ޖަހައި، އިތުރު ލަނޑުތައް ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްދީފައިވެއެވެ.

ދަގަނޑޭގެ ތަޖުރިބާގެ އަލީގައި ގައުމީ ޓީމަށް އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އޭނާގެ އާދަޔާހިލާފު ކުޅުން ބަލާލުމަށް މުޅި ރާއްޖެ ކެތްމަދުވެފައިވާ ކަމަށްވެސް ނިއުގެ ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު