ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމާޒު ހިފާފައިވަނީ ގައުމު ފުނޑާލައިގެން ނަމަވެސް ވެރިކަމުގެ ބާރުތަކުގައި ދެމިހުންނެވުމަށް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާން ކުރުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރާނެ ކަމަށް ބުނި ނަމަވެސް އަމަލުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. "މުއިއްޒު ހަރަދު ކުޑަކުރާ ގޮތް މި ފެންނަނީ! މިވާހަކަތަކަށް ނޫން ތާއީދުކުރާ ބަޔަކު އެކުރަނީ. އެއީ މުޅިން އެހެން މަސްލަހަތުތަކެއް ހިމާޔަތް ކުރަން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ނާޒުކު ދަނޑިވަޅެއްގައި އޮތްއިރުވެސް، ސަރުކާރުން ފެންނަނީ ގައުމަށް ހިޔާނާތްތެރިވަމުންދާ މަންޒަރެވެ. އަދި ދައުލަތުގެ ބާރުތައް ޖަމާކޮށް، ވެރިކަމުގައި ދެމިހުރުމަށްޓަކައި ގައުމު ފުނޑާލަން ވެސް ރައީސް މުއިއްޒު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް "ނޫނެކޭ" ބުނުމަށް ޖަމީލް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއްގެ ބޭނުމަކީ ނުފޫޒު ފޯރުވައިގެން ވެރިކަމުގެ ބާރުތައް ދެމެހެއްޓުމެވެ.

ސަރުކާރުގެ ކުންފުނިތަކުން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާން ކުރަމުންދާތީ، އިދިކޮޅު ފަރާތްތަކުން އަންނަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު