އެމެރިކާގެ މަހުޖަނު އިލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ "އެކްސް މަނީ"ގެ ޚިދުމަތް އަންނަ އޭޕްރީލް މަހު ރަސްމީކޮށް ފަށާނެކަން އިއުލާންކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ މަސްކް ބުނެފައިވަނީ، މި އައު ފީޗާގެ ސަބަބުން އެކްސްއަކީ ހަމައެކަނި ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ބަދަލުގައި، ފައިނޭންޝަލް ޓެކްނޮލޮޖީ ނުވަތަ ފިންޓެކް އެޕަކަށް ބަދަލުވެގެންދާނެ ކަމަށެވެ. "އެކްސް މަނީ" މެދުވެރިކޮށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމާއި، ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ޑެބިޓް ކާޑުގެ ޚިދުމަތުގެ އިތުރުން ކޭޝްބެކް ފަދަ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

އެކްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "އެކްސް ޕޭމަންޓްސް" މެދުވެރިކޮށް، މިހާރުވެސް އެމެރިކާގެ 40 އަށްވުރެ ގިނަ ސްޓޭޓުން މި ޚިދުމަތް ދިނުމުގެ ގާނޫނީ ހުއްދަ ވަނީ ހޯދާފައެވެ. އަދި މި މަޝްރޫއުގައި ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ނެޓްވޯކް "ވިސާ" އާއެކު ޕާޓްނަޝިޕް ހަދާފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ.

މި އިއުލާނާއެކު، ކްރިޕްޓޯ ކަރަންސީއެއް ކަމަށްވާ "ޑޯޖްކޮއިން"ގެ އަގަށް ކުޑަ ކުރިއެރުމެއް އައި ނަމަވެސް، އެކްސް މަނީގެ މި ޚިދުމަތަކީ ސީދާ ފިއަޓް ކަރަންސީ ނުވަތަ އާދައިގެ ފައިސާގެ މުއާމަލާތްތަކަށް ޚާއްސަ ޚިދުމަތެކެވެ. މިއީ ވެންމޯ ފަދަ އެޕްތަކާ އެއްގޮތް ޚިދުމަތަކަށް ވީއިރު، މީގެ ކުރިން 2021 ވަނަ އަހަރުން ފެށިގެން މަސްކް ދައްކަވާ ވާހަކަތަކާ ގުޅިގެން ޑޯޖްކޮއިންގެ އަގަށް ބަދަލުތައް އައުމަކީ އާންމު ކަމެކެވެ.

އެކްސްގެ ހެޑް އޮފް ޕްރޮޑަކްޓް ނިކިތާ ބިއާ ފެބްރުއަރީ މަހު ވިދާޅުވެފައިވަނީ، ކުރިމަގުގައި ކްރިޕްޓޯގެ މައުލޫމާތާއި ލިންކުތައް އެކްސް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. ނަމަވެސް އެކްސްއަކީ ސީދާ ކްރިޕްޓޯގެ ވިޔަފާރިކުރާ ބްރޯކަރޭޖަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންވެސްޓަރުންނާއި މާލީ މާހިރުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ، އެކްސް މަނީގެ އެކައުންޓްތަކުގައި ހުންނަ ފައިސާއަށް ލިބޭނެ ކަމަށް ބުނާ 6 އިންސައްތައިގެ މަތީ ޔީލްޑް ނުވަތަ ފައިދާއަށެވެ. މިއީ އެމެރިކާގެ ބޭންކުތަކުން މިހާރު ދޭ މިންވަރަށްވުރެ މަތީ އަދަދެކެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ރެގިއުލޭޓަރީ އިދާރާތަކުގެ ފާރަވެރިކަން މި ޚިދުމަތަށް ވަރަށް ބޮޑަށް ހުއްޓޭނެ ކަމަށް ބެލެވެއެވެ.

މި ޚިދުމަތް ތައާރަފުކުރަން ނިންމާފައި މިވަނީ، އެމެރިކާގެ ކޮންގްރެސްގައި "ކްލެރިޓީ އެކްޓް" އާމެދު ބަހުސްކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ގާނޫނަކީ ބޭންކް ނޫން ޕްލެޓްފޯމްތަކުން ކަސްޓަމަރުންގެ ޑިޕޮސިޓަށް ފައިދާ ދިނުމާ ގުޅޭގޮތުން ހެދޭ ގާނޫނެކެވެ. އަންނަ އޭޕްރީލް މަހު އެކްސް މަނީ ފެށުމާއެކު، މިއީ މާލީ ދާއިރާއަށް އަންނާނެ ބޮޑު ބަދަލަކަށް ވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު