ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ޙަމަލާ ދިންކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެހެން ފަރާތްތަކަށް ނަމޫނާ ދައްކަންޖެހޭ އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކަށް ވާއިރު މެމްބަރު އިކްރާމް ޙަސަންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށެވެ.

މީގެ އިތުރުން އަންހެނަކަށް ޙަލަމާދީ ހަޑި ހުތުރު ބަހުން މުޢާމަލާތު ކުރުމަކީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ރާއްޖޭގައާއި ބައިނަލްއަޤްވާމީ ގޮތުން ހެދިފައިވާ ޤާނޫނުތަކާ މުޢާހަދާތަކާވެސް ޚިލާފު ވަރަށް ހަޑިމުޑުދާރު ޢަމަލެއްކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

ކޯވިޑް-19 ގެ ފްރޮންޓްލައިންގައި އަންހެނުން ކުރަމުންދަނީ ޤައުމީ މަސައްކަތެއް ކަމަށާއި، އެފަރާތްތަކުން ރެއާ ދުވާލު ޢާއިލާތަކާ ދުރުގައި، އަދި ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންނަށް ކޮށްދެއްވާ ޤައުމީ ޚިދުމަތަކީ އަގުކުރެވޭނެ ޚިދުމަތެއް ނޫން ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ އެފަރާތްތަކާމެދު މިފަދަ ދަށު ދަރަޖައިގެ ޢަމަލު ހިންގުމަށް އިމްތިޔާޒު ލިބޭ ކަމެއް ނޫންކަމަށް މިބަޔާނުގައިވެ އެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

ރޭގެ ހާދިސާއާއި ގުޅިގެން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ބުނީ ‏ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ބޭފުޅެއްގެ ކިބައިން އެ ފަދަ ޢަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި ‏އެ ހަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާއި އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއްކަމަށް ވެސް އެމްއެޗްޕީޔޫއިން ބުނެއެވެ. ހަމައެއާއެކު އެ މައްސަލަ ބަލައި ޙައްޤު އަދަބު ދިނުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލާފަ އެވެ.

އެ ޙާދިސާއާއި ގުޅިގެން "ރަސް އޮންލައިން" އަށް ރޭ މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އޭނާ ކަރަންޓީނުގެ ސާދަ ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ހަދަން މާފަންނު މަދަރުސާ އަށް ވަޑައިގެން ކޮވިޑް ޓެސްޓް ހެއްދެވި ކަމަށާއި، ޓެސްޓް ހެއްދެވުމުގެ ތެރޭގައި އެޗްޕީއޭގެ އޮފިޝަލަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ސާމްޕަލް ނަގާ އޮފިޝަލު އޭނާގެ ސާމްޕަލް ނެގުމަށް ނޭފަތަށް ލެއްވި އެތި ވަރަށް އެތެރެއަށް ލެއްވި ކަމަށާއި، އެވަގުތު ތަދުވެގެން އޮފިޝަލުގެ އަތުގައި ހިފައި ދުރަށް ޖެއްސެވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

ރޭ މާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން