ގއ. މާމެންދޫގައި މަގުމަތިކޮށްފައިވާ ދޮށީ އުމުރުގެ އަލިފުތާ
ގއ. މާމެންދޫގައި މަގުމަތިކޮށްފައިވާ ދޮށީ އުމުރުގެ އަލިފުތާ
ގއ. މާމެންދޫގައި މަގުމަތިކޮށްފައިވާ ދޮށީ އުމުރުގެ އަލިފުތާއާއި ހަވާލުވާން އޭނާގެ ވާރިސުންގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން ވެސް ވާރިސުން އޭނާއާ ހަވާލުވެފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން މާމެންދޫ ކައުންސިލުން ވަނީ އެރަށުގައި މަގުމަތި ކޮށްފައިވާ ދޮށީއުމުރުގެ އަލިފުތާ ބަލައިދޭނެ މީހަކު ހޯދަން އިޢުލާނު ކޮށްފައެވެ. މަގުމަތިވުމަށް ފަހު މާމެންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި އަލިފުތާއާ ހަވާލު ވުމަށް އޭނާގެ ވާރިސުންނަށް އަމުރު ކޮށްދިނުން އެދި އަވަސްނިޔާގެ މައްސަލައެއް އެ ރަށު ކައުންސިލުން ވަނީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައެވެ.

އެ މައްސަލާގައި ކޯޓުން ވަނީ ވީހާވެސް އަވަހަކަށް ވާރިސުން އަލިފުތާއާއި ހަވާލުވާން އަމުރު ކޮށްފައެވެ. ނަމަވެސް އެ އަމުރާ ގުޅިގެންވެސް އަލިފުތާގެ ވާރިސުން އޭނާއާ ޙަވާލުވެފައެއް ނުވެއެވެ. މާމެންދޫ ކައުންސިލްގައި އަލިފުތާ ބެލޭނެ މާލީ ގާބިލުކަން ނެތުމުން ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެދި ކޯޓަށް އަލުން މައްސަލައެއް ވެއްދުމަށް މާމެންދޫ ކައުންސިލުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

މި ކަމާ ގުޅިގެން އަލިފުތާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ އިރު އޭނާގެ ބަލި ހާލަތު ވެސް މިހާރުވަނީ ދަށްވެފައެވެ. އަލިފުތާއަކީ އުފަން ދަރިއެއް ނެތް މީހެކެވެ. އޭނާގެ އަނބިމީހާ މަރުވިތާ ތިން އަހަރު ވެފައި ވާއިރު މިހާތަނަށް އަލިފުތާގެ ކަންތައްތައް ބަލަމުން އައީ ދޮންދަރިއެކެވެ. ނަމަވެސް ފަހުން އަލިފުތާ މަގުމަތި ކުރުމުން ފުލުހުން ވަނީ މީގެ މަސްދުވަސް ކުރިން އަލިފުތާ އެރަށު ކައުންސިލާ ޙަވާލުކޮށްފައެވެ.

އަލިފުތާ މިވަގުތު ހުރީ މާމެންދޫ ކައުންސިލްގެ ބެލުމުގެ ދަށުން ކޮވިޑާއި ގުޅިގެން މީހުން ބަހައްޓަން ކައުންސިލުން ހަމަޖައްސާފައިވާ މާމެންދޫ ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމެއްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން