މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން
އައްޑޫގެ ފްލައިން ސުކޫލުގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން އެ ޔަގީންކަން ދެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިނިސްޓަރުގެ އަރިހުން އެމައްސަލައިގެ މައުލޫމާތު ސާފުކުރުމަށް ފޮނުއްވި މެސެޖަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވީ، އައްޑޫ ފުލައިން ސުކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެކިގޮތްގޮތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެކަން ހައްލު ކުރުމަށް އެދިފައިވާއިރު، ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސުކޫލާއި ހިއްސާކޮށް އެކަންކަން ހައްލު ކޮށްދިނުމަށް އައްޑޫ ފްލައިން ސުކޫލުގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެ ސުކޫލާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ސަރުކާރުގެ އެދުމުގެ މަތިން، ތަނުގެ ޖާގައަށްވުރެ އިތުރަށް ދަރިވަރުން ނެގި ކަމަށް ބުނެ ޖަވާބުދީފައިވާ ކަމަށާއި، އަދި ކޯސް ފުރިހަމަ ކުރުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ޝަކުވާ ތަކެއް ލިބުމުން އެ ފަރާތުން ދިން މައުލޫމާތުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭތީ އެކަމާއި ގުޅުން ހުރި ލިޔުންތައް ހުށައެޅުމަށް އެދިފައިވާ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

"މިކަމަށް އެއްވެސް ޖަވާބެއް ނުލިބުމުން ނިމިދިޔަ ހަފުތާގައި ވެސް އެ ފަރާތާއި މުއާމަލާތްކޮށް މައުލޫމާތު ހުށައެޅުމަށް ފުރުސަތު ދެވުނު. މިއަދާއި ހަމަަޔަކަށް ލިޔެކިޔުންތައް ފުރިހަމައަށް ހުށައަޅާފައިނުވާތީ މިމައްސަލަ ބެލުމުގައި ދަތިތަކެއް އެބަހުރި. އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުންހުރި އިދާާރާތަކާއެކު މިދަނީ ކުރަމުން. އަވަސް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ފުލައިން ސްކޫލްގައި ކިޔަވާ ބައެއް ދަރިވަރުން ބުނެފައިވަނީ އެ ތަނުގައި ހުރި ކަންބޮޑުވުންތައް މީގެކުރިން ވެސް ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެފަހުން ދަރިވަރުން މިކަމަށް އެޑްރެސްކޮށްދޭން އެދި ސިޓީ ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސްކޫލަށް ވަންނަ ކުދިންނަށް ކޯސް ނިމޭނެ ކަމަށް ދީފައި ވަނީ 12 މަސް އަދި 18 މަސް ކަމަށްވީ ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ 3 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ކަމަށް ކިޔަވާ ބައެއް ދަރިވަރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން