ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ) އާއި ނައިބު ރައީސް ފައިސަލް ނަސީމް(ކ)
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ) އާއި ނައިބު ރައީސް ފައިސަލް ނަސީމް(ކ)
ކޯވިޑް-19 އާ ގުޅިގެން ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދައުލަތުގެ ބައެއް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުގައި ތާވަލުކޮށްފި އެވެ.

އެކެއް ޖޫން 2020 ގައި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ 11:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ކޯވިޑް-19 އާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ނިންމާފައެވެ.

ހަލީމް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ "ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު" ގައި ރައީސް އާއި ނައިބު ރައީސްގެ މުސާރަ ބަޔާންކޮށްފައިވަނިކޮށް، އަދި ވަކި ގާނޫނުތަކުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރައާއި، އިނާޔަތްތައް ގާނޫނަށް ބަދަލެއް ނުވަތަ އިސްލާހެއް ގެނައުމަކާ ނުލާ މަޖިލީހުން ކުޑަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާއި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު، ހިޔުމަންރައިޓްސް ކޮމިޝަންގެ ގާނޫނު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނު، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ހަލީމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވާ އެ ބައިތަކަކީ ގާނޫނާ ހިލާފު ބާތިލު ނިިންމުންތަކެއްކަމަށް ކަނޑައަޅައިދިނުމަށް ވެސް މައްސަލައިގައި އެދިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުގައި ރައީސްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100،000 ރުފިޔާއެވެ. އަދި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 75،000 ރުފިޔާ އެވެ. ކޯވިޑް-19 އާއި ގުޅިގެން މަޖިލީހުން މުސާރައަށް ބަދަލުގެނައުމުން ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 65،000 ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 48،000 ރުފިޔާ އެވެ.

މަޖިލީހުން ނިންމާފައިވަނީ 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 އިންސައްތަ، 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 އިންސައްތަ ކުޑަ ކުރުމަށެވެ. މީގެ އިތުރުން 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 އިންސައްތަ ކުޑަ ކުރުމަށެވެ. ދަޢުލަތުގެ މުސާރަތަކުން މި މިންވަރަށް އުނިކުރުމާއެކު މަހެއްގެ މައްޗަށް 1.46 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ބުނެފައެވެ.

ކޯވިޑާއި ގުޅިގެން ކުޑަކުރި މުސާރަތައް އަލުން ކުރިން ހުރި ގޮތަށް އިޢާދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ފަހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން