ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ތުހުމަތުކުރެވޭ އަދުހަމް މުހައްމަދު
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ތުހުމަތުކުރެވޭ އަދުހަމް މުހައްމަދު
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ފުރަތަމަ އެއްބަސްވެ އެކަމަކު ފަހުން އިންކާރު ކުރި އަދުހަމް މުހައްމަދަށް ދިފާއީ ވަކީލަކު ހަމަޖައްސަން މުއާމަލާތް ކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސައި ނުދޭ ކަމަށް ބުނެ މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި އޭނާ ޝަކުވާކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ބޭއްވި މައްސަލައިގެ އަޑުއެހުމުގައި އަދުހަމަށް ވަކީލަކު ހަމަނުޖެެއްސުނީ ކީއްވެގެންތޯ ގާޒީ ސުވާލުކުރެއްވުމުން އޭނާ ބުނީ "ކޮތަރު ކޮށްޓެއް" ފަދަ ޖަލު ގޮޅިއެއްގައި އޮންނަން ޖެހުމުން އެކަން ނުކުރެވުނީ ކަމަށެވެ. އަދުހަމް ބުނީ ވަކީލަކާ މުއަމަލާތް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯން ކޯލްގެ ފުރުސަތު ނުދޭ ކަމަށާއި، ކަރެކްޝަނުން އެ ހުއްދަ ނުދޭހާ ހިނދަކު އެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އަދުހަމު އެހެން ބުނުމުން އޭނާ ބޭނުންވާ އައު ދިފާއީ ވަކީލަކު ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށާއި ވަކީލާ މުއާމަލާތް ކުރުމަށާއި ވަކީލު ފޯމު ހުށަހެޅުމުގެ ފުރުސަތުތައް ކަރެކްޝަނުން ހަމަޖައްސައިދިނުމަށް އަމުރު ނެރޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވިއެވެ. އަދުހަމް އެ ގޮތަށް ބުނުމުން ވަކީލަކު ހަމަޖައްސަން ފުރުސަތު ބޭނުންވޭތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ފުރަތަމަ ސުވާލު ކުރެއްވުމުން އޭޭނާ ފުރަތަމަ ބުނެފައިވަނީ ވަކީލަކާ ނުލައި އަމިއްލައަށް ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އެކަމަކު ދައުލަތުން އާ ދިފާއީ ވަކީލަކު ހަަމަޖައްސަން ފުރުސަތު ދިނުމާއި ވަކީލާ މުއާމަލާތް ކުރުމުގެ ފުރުސަތާއި ވަކީލު ފޯމް ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސަން ކަރެކްޝަންސްގެ މައްޗަށް ޝަރީއަތުން އަންގައިފިނަމަ އެ ފުރުސަތު ބޭނުންވާ ކަމަށް އަދުހަމް ބުނެފައިވެއެވެ.

ވަކީލަކު ހަމަޖެއްސިފައިނުވާތީ މިއަދުގެ އަޑުއެހުން ވެސް ކުރިއަށް ނުގެންދެވިގެން ވަނީ ނިއްމާލާފައެވެ. ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމު ބުނެފައި ވަނީ ދައުލަތުގެ ފަރާތުން އޭނާއަށް ހަމަޖައްސައިދީފައިވާ ވަކީލް ރުކްޝާނާ އިބްރާހިމްއާ އެކު ކުރިއަށް ދާން ބޭނުން ނުވާ ކަމަށެވެ. އެއީ އެ ވަކީލް އޭނާއާ މުއަމާލަތްކޮށް ކަންކަން ހިއްސާ ނުކުރާތީ ކަމަށް އަދުހަމް ބުނެފައިވެއެވެ.

މީގެ ކުރިން އަދުހަމު ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ. އެކަމަކު ފަހުން ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ފުލުހުން ހާމަކޮށްފައިވާގޮތުގައި ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އެހަމަލާދިން އަދުހަމު އިއުތިރާފުވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން