އީރާނުގެ ވެރިރަށް، ތެހެރާންގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ގިނަވެ މާސްކް އެޅުން މަޖުބޫރު ކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ރައީސް ހަސަން ރޯހާނީ ނެރެފައިވާ އިއުލާނުގައި ވާގޮތުން، މާސްކް އެޅުން މަޖުބޫރުކޮށް، މާސްކް ނާޅައިފިނަމަ 50،000 ރިޔާލުން ޖޫރިމާނާ ކުރާނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ކޮވިޑް ޖެހި، ކަރަންޓީނު ނުވާނަމަ 2 މިލިއަން ރިޔާލް އިން ޖޫރިމާނާ ކުރާނެ ކަމަށް ވެސް އެ އެންގުމުގައި ވެއެވެ.

ތެހެރާނުގެ އާންމު ސަރަހައްދުތަކުގައި ޖުލައި މަހުން ފެށިގެން މާސްކު އެޅުމަށް ސަރުކާރުން އަންގާފައި ވީނަމަވެސް، މިއީ މަޖުބޫރުކޮށް ޖޫރިމާނާ ކުރަން ފެށުނު ފުރަތަމަ ފަހަރެވެ.

އީރާނަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރައި، ތެހެރާނުން މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު 28،293 އަށް އަރައިފިކަމަށް ހޮނިހިރު ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް ފެތުރުން އިތުރުވެ، އޮކްޓޯބަރު 3 ވަނަ ދުވަހުން ފެށިގެން، ތެހެރާންގެ ސްކޫލު ތަކާއި، މިސްކިތްތަކާއި، ފިހާރަ ތަކާއި، ރެސްޓޯރަންޓްތަކާ އަދި އާންމު ތަންތަން ވަނީ ބަންދުކޮށްފައެވެ. މިތަންތަން ފުރަތަމަ އެއް ހަފުތާއަށް ބަންދު ކުރި ނަމަވެސް، ފުރަބަންދަށް އިތުރު އެއް ހަފުތާ އިތުރުކޮށްފައިވާ ކަމަށް ތެހެރާނުގެ ގަވަރުނަރު، މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާންކޮށްފައެވެ.

އީރާނުގައި މިހާތަނަށް 400،000 އަށްވުރެއް ގިނަމީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާއިރު، ތެހެރާނުގައި މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 3،875 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން