އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކާ ދިމާކޮށް، ސަރުކާރުން ފާޅުގައި ރިޝްވަތު ހުށަހަޅަމުންދާއިރުވެސް ދައުލަތުގެ މިނިވަން މުއައްސަސާތައް އޮތީ ނިދާފައި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާތިރު ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޝާތިރު ވިދާޅުވި ގޮތުގައި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެކި ގޮތްގޮތުން ރިޝްވަތު ބަހަމުންދާއިރު، އެކަންކަން ހުއްޓުވުމަށް ބަހެއް ބުނާނެ ނުވަތަ ކުށްވެރިކޮށް ބަޔާނެއް ނެރޭނެ މިނިވަން މުއައްސަސާއެއް މިއަދު މި ގައުމަކު ނެތެވެ. މިއީ އިންތިޚާބުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ވަރުގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވައި، ޝާތިރު ވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން ޝާތިރު ވިދާޅުވީ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދަކީ ސަރުކާރުގެ "އަޅެއް" ކަމަށެވެ.

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކަކީ "މުޑުދާރު" އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މުއައްސަސާތަކުން މިކަމުގައި ހަނދު ހިމޭނުން ތިބި ނަމަވެސް، މިކަން ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ވިދާޅުވެ، އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް ޝާތިރު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު