ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް
ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް
ރާއްޖެ ދަރަނިވެރިވަނީ ވެރިކަން ހޯދުމަށް ވަމުންދާ ބޮޑެތި ވައުދުތަކުގެ ސަބަބުން ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ސިޔާސީ ދާއިރާގެ ތަޖުރިބާާކާރު ބޭފުޅެއް ކަމަށްވާ އަހުމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައީސުންނާއި ޕާޓީތަކުގެ ލީޑަރުން ހިމެނޭހެން، އެއްވެސް ރައްޔިތަކު ރާއްޖެ ދަރަނިވެރިކުރަން ނޭދޭނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ ދަރަނިވެރިވެ "މިނިވަންކަން" ގެއްލޭ ހިސާބަށްދަނީ ވެރިކަން ހޯދުމުގެ ބޭނުމުގައި ވެވޭ ވައުދުތަކުގެ ސަބަބުން ކަމަށް ހަޔަ އެޑިއުކޭޝަން ކައުންސިލުގައި އަމިއްލަ ކޮލެޖުތައް ތަމްސީލުކުރައްވާ މެމްބަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ.

"ރާއްޖެ ދަރަނިވެރިވެ މިނިވަންކަން ގެއްލޭ ހިސާބަށް ދަރަނީގެ މައްސަލަ ދަނީ ވެރިކަމާއި ދައުލަތް ހޯދުމުގެ ވާދައިގެ ތެރޭގައި ވޯޓް ގިނައިން ހޯދުމަށް ވެވޭ ވައުދުތަކުގެ ސަބަބުން." ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރިޔާސީ ކެންޑިޑޭޓުން ވަމުންދާ ބޮޑެތި ވައުދުތަކަށް އިޝާރަތްކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ ދަރަނި އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން އަންނާތީ ވޯލްޑް ބޭންކުންނާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ އާމްދަނީ ދަށްވެ ދަރަނި އިތުރުވަމުންދާއިރު، ދަރަނި މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ފިޔަވައި އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތައް ފަސްކޮށްލުމަށް ވޯލްޑް ބޭންްކުން މިހާރު ވަނީ ސަރުކާރަށް ލަފާދީފައެވެ.

ރާއްޖޭގެ އާމްދަނީއަށް އައި ހީނަރުކަމާ އެއްވަރަށް، ހަރަދުތައް ކުޑަކުރެވިފައި ނުވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުގައި މިހާރު ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު ދައުލަތުގެ ދަރަނި 4.8 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 4.4 ބިލިއަން ޑޮލަރުގަ އެވެ.

ރިޔާސީ އިންތިޚާބުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ވޯޓު ހޯދައި ގިނަ ގޮނޑި ހޯދުމުގެ ވާދަވެރި ކަމުގައި ރިޔާސީ ކެންޑިޑޭޓުންނާއި މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކުން ރާއްޖޭގެ ކުދިކުދި ރަށްރަށަށް އަރާވަޑައިގެން ރައްޔިތުން އެދޭ ކޮންމެ ކަމަކަށް އެއްބަސްވެ ވަޑައިގެން ކޮންމެ ދެރަށެއްގެ ދެމެދުގައި އެއަރޕޯރޓް އަޅައި ކޮންމެ ރަށެއްގެ ބިން ހިއްކައި ބިޔަ ބަނދަރުތައް ހަދައިދޭން ވަޢުދުވެ ވަޑައިގެން ބިޔަ ފާލަން ތަކާއި ކަނޑު ހުރަސްކޮށް އަޅާ ބްރިޖުތަކާއި ބޮޑެތި ހޮސްޕިޓާތައް އަޅައިދޭން ރައްޔިތުންނަށް ވަޢުދުވެ ވަޑައިގަންނަވަނީ ގައުމަށް ލިބޭ އާމްދަނީއަކުން އެކަންކަން ކުރެވޭނެ ކަމާއިމެދު އެއްވެސް ވަރަކަށް ދިރާސާއެއް ކުރަށްވައިގެން ވިސްނުންފުޅު ބަހައްޓަވައިގެން ޕްލޭންތަކެއް ހައްދަވައިގެން ނޫންކަން ތަޖުރިބާކާރު ބޭފުޅުން ފާހަގަ ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޒީނަ

12-Oct-2020

އަހަރެން އެއްބަސް ވަރަށް ތެދުވާހަކަ އެއް ސަރީފު އެބުނީަރަށް ނޭނގެނީ ވެރިން ނަށް


-9

ޝަމާ

12-Oct-2020

އަހަރެން އެއްބަސް ތެދުވާހަކަ އެއް ސަރީފު އެބުނީ


-3

ހަސަނު ތ ދިޔަމިގިލީ

12-Oct-2020

ތިޔަކައް އެއްބަހެއް ނުވެވޭނެ


0

އަލިމަނިކު ކާށިދޫ

12-Oct-2020

ތީކީ އަދި ޤަބޫލް ކުރެވޭނެ ވާހަކަ އެއް ނޫން



ޓްރެންޑިން