މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މުދާ ރައްކާކުރުމާއި، މުދާ ގެނައުން މިހާރަށް ވުރެ ފަސޭހަ ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުބާއީ އިން މުދާ ގެނައުން ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއާ ކާގޯ މެދުވެރިކޮށް މުދާ ގެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ.

އަދި މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މުދާ ރައްކާކުރުމާއި، މުދާ ގެނައުން މިހާރަށް ވުރެ ފަސޭހަ ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖެއަށް އާންމުކޮށް ބޭނުންވާ ކާބޯތަކެއްޗަށް އިސްކަން ދީގެން، އެފަދަ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މީގެ ކުރިން ވިޔަފާރީގެ ބަދަހި ގުޅުންތަކެއް ގާއިމުވެފައި ނެތް ގައުމުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ސައީދު މިއަދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރާ މައިގަނޑު ގައުމުތައް ކަމަށްވާ އިންޑިއާ، ޗައިނާ، މެލޭޝިއާ، ވިއެޓްނާމް އަދި ތައިލެންޑުން މިހާރު ގެންނަ މުދަލުގެ އިތުރުން އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް އެ ގައުމުތަކާ ސީދާ ވާހަކަދައްކަމުންދާ ކަމަށެވެ. އަދި އިންޑޮނީޝިއާ ފަދަ ގައުމުތަކުން އަސާސީ މުދާ ފަސޭހަކަމާ އެކު ގެނައުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށާއި، މި މުދާ ވައިގެ މަގުންނާއި ކަނޑު މަގުން ގެނެވޭނެ އިތުރު ގޮތްތައް ބަލަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ވިޔަފާރީގެ ގުޅުން މާބޮޑަށް ބަދަހިކުރެވިފައި ނެތް މާކެޓްތަކާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިހާރުން މިހާރަށް ވެސް ވާހަކަ ދައްކައިގެން ގުޅުން ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާއެކު، ހަނގުރާމައިގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވެދާނެ ގޮންޖެހުންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިކަމާ ގުޅޭގޮތުން މަސީއާ އެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ ކާބޯތަކެތި މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އާއި އަމިއްލަ ވިޔަފާރިވެރިންނާއި ގުޅިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ދުނިޔޭގެ ހާލަތު މިހެން އޮތް ނަމަވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް