އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 480 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ގެރެންޓީ ދީފައި ވަނީ ދައުލަތުން ގެރެންޓީ ދިނުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ދައުލަތުން ދޫކޮށްފައިވާ ގެރެންޓީތަކުގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވަނީ، ކުރީގެ ސަރުކާރުން 480 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެރެންޓީ ދީފައި ވަނީ، ދައުލަތުން ގެރެންޓީ ދިނުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށްކަމަށެވެ.

އެގޮތުން ދައުލަތުން ގެރެންޓީ ދިނުމުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ފިނޭންސް މިނިސްޓްރީ އިން އައްޔަން ކުރާ ފަރާތެއް ނުވަތަ މިނިވަން އޮޑިޓަރެއް ދިރާސާ ކުރަން ޖެހޭނެ ކަމަށް ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުން 484,399,832 އެމެރިކާ ޑޮލަރުގެ ގެރެންޓީ ދީފައި ވަނީ ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތާއި ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތަށް ކަން ކޮށްފައި އޮތުމުން ދައުލަތަށް އޮންނަ ކްރެޑިޓު ރިސްކު ބޮޑުވެގެންދާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އެކަމުގެ ސަބަބުން، ދަރަނި ނަގާ ފަރާތުން ދަރަނި ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ދަރަންޏެއް އަނބުރާ ދެއްކުމުގެ ޒިންމާ ނަގަންޖެހޭނީ ގެރެންޓީ ދިން ފަރާތުގެ ހައިސިއްޔަތުން ސަރުކާރުން ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 327,799,969 އެމެރިކާ ޑޮލަރަށް 5،000 ހައުސިން ޔުނިޓު ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 2016 ވަނަ އަހަރު ދީފައިވާ ގެރެންޓީ އާއި 65,182,000 އެމެރިކާ ޑޮލަރަށް 1،000 ހައުސިންގް ޔުނިޓު އަޅަން ހަމަ އެ ކުންފުންޏަށް ދިން ގެރެންޓީގައި މައްސަލަތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މި ގޮތުން، އޮޑިޓު އޮފީހުން ބުނީ އެ ދެ މަޝްރޫއު ހަވާލުކުރި ކުންފުނިން ޕާފޯމަންސް ސެކިޔުރިޓީ ނުދީގެން، އެ އެއްބަސްވުންތައް 2017 ވަނަ އަހަރު އެޗްޑީސީން ބާތިލު ކޮށްފައިވީ ނަމަވެސް، ސަރުކާރުން ދިން ގެރެންޓީތައް އަނބުރާ ދިން ކަމުގެ އެއްވެސް މައުލޫމާތެއް ފެންނަންނެތް ކަމަށެވެ. އަދި އެކަމަކީ އުސޫލާ ހިލާފު ކަމަކަށްވާތީ، ގެރެންޓީ ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލު ކުރުމާއެކު، ގެރެންޓީ އަނބުރާ ހޯދަން އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

ކުރީގެ ސަރުކާރުގައި ދައުލަތުގެ ފަރާތުން 24 ފަރާތަކަށް ސޮވެރިން ގެރެންޓީ ދޫކޮށްފައިވާ ކަމަށާއި، އޭގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިގޮތުން، ސޮވަރިން ގެރެންޓީ ދީފައި ވަނީ އަމިއްލަ އެއް ފަރާތަކަށް ކަމަށާއި، ދެން ހިމެނެނީ ސަރުކާރުގެ ކުންފުނިތައްކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން