ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަފޯ)
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަފޯ)
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އިންސާފު ހޯދައިދީ، އެމް.ޑީ.ޕީގެ ސަރުކާރެއްގައި އެ މީހުންނަށް ގެއްލުނު މުއްދަތުގެ މުސާރަ އިއާދަކޮށްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަފޯ) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ވަޒީފާގެ ބިރު ދައްކައިގެން ރައްޔިތުން ކުޑަކަކޫ މައްޗަށް ތިރިނުކުރެވޭނެ ކަމަށާއި، ގާނޫނާ ޚިލާފަށް މީހުން ވަޒީފާއިން ވަކިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ.

ޣަފޫރުގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއަށް ބަޖެޓުގައި 300 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މިއަދު އެ ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ، އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށާއި، ދުވާލެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއް ރައްޔިތުންގެ އަތުން ސަރުކާރުން "ލޫޓުވަމުން" ދާކަމަށް ޣަފޫރު ތުހުމަތު ކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކުޅުދުއްފުށި ސިޓީއާއި، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ ހުރިހާ ގޮނޑިތަކެއް އެމް.ޑީ.ޕީން ކާމިޔާބުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅު ނިންމަވާލެއްވީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކާއި، ރައްޔިތުންގެ ފައިސާއަށް އަށް އަދުގެ ސަރުކާރުން ވަމުންގެންދާ އިހުމާލުވުންތައް ހުއްޓުވުމަށް އެމް.ޑީ.ޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު