އަލިދޫ ރިސޯޓު:
އަލިދޫ ރިސޯޓު:
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވުމަށް އެލައިޑުން ހައިކޯޓުގައި މިއަދު އެދިއްޖެއެވެ.

ޔޮޓު ޓުއާރސް ކުންފުންޏަށް 6 ދުވަހުގެ ތެރޭގައި 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެހުކުމާއި ގުޅިގެން އެލައިޑް ކުންފުނިން ވަނީ އެ ހުކުމް ބާތިލްކޮށް ދިނުމަށް އެދި ހައިކޯޓަށް ހުށައަޅާފައެވެ. ހައިކޯޓުގައި މިއަދު ބޭއްވި އެމައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި އެލައިޑު އިންޝޫރެންސް ކުންފުނިން އެދިފައިވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މިމަސައްލައަށް ވަކި ގޮތެއް ކަނޑައެޅެންދެން، ސިވިލް ކޯޓުން ކޮށްފައިވާ އެހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށެވެ.

އެލައިޑްގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުމުގެ އަމުރެއް ހައިކޯޓުން ނުނެރެދީފިނަމަ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކަކާއި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓުން އަޅާ ފިޔަވަޅުތަކަކުން ރީއިންޝުއަރެންސް ކުންފުނިތަކުން އެލައިޑް ބްލެކް ލިސްޓު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމުގެ ސަބަބުން އެލައިޑްގެ ޚިދުމަތްތަކަށް ބުރޫއަރައި ކަސްޓަމަރުންގެ ހައްގުތައް ގެއްލިގެންދާނެކަން އެލައިޑްގެ ވަކީލު ވަނީ ފާހަގުރަށްވާފައެވެ.

އެހެން ނަމަވެސް ބައެއް ކޯޓުތަކުގެ ނިންމުންތަކަށް ރިއާޔަތްކޮށް ޔޮޓް ޓުއާރސްގެ ގާނޫނީ ވަކީލު ވިދާޅުވީ، އެމައްސަލައިގައި ކޮންމެހެން ވަގުތީ އަމުރެއް ނެރެދެންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ވަގުތީ އަމުރާ ގުޅޭގޮތުން ދެ ފަރާތުން ދެއްކެވި ވާހަކަތަކަށާއި ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު، ވަގުތީ އަމުރާ މެދު ފަނޑިޔާރުންގެ ބެންޗުން ވަކި ގޮތެއް ނިންމުމަށްފަހު، ދެފަރާތަށްވެސް އަންގަވާނެ ކަމަށެވެ. 

ސިވިލް ކޯޓުން މިދިއަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ، އެފައިސާ ޔޮޓް ޓުއަރސްއަށް ލިބިދިނުމުގެ ގޮތުން، 19 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން މަދުވެގެން، އެ މަހަކަށް ޖެހޭވަރު، ސިވިލް ކޯޓަށް ދައްކަމުން ގޮސް، 6 މަސް ދުވަހުގެ ތެރޭގައި 22،784،837.59 ޑޮލަރު ދައްކާ ހަލާސްކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏަށް އަންގާފައެވެ.

އެފައިސާ އަކީ އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ ޔޮޓް ޓުއާސް އަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން