ސަފާރީ ރޭޕް ކޭސް އާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން
ސަފާރީ ރޭޕް ކޭސް އާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ބަދަލުކުރަން ފުލުހުން މަސައްކަތްކުރި ކަމުގެ ތުހުމަތުކޮށް އެމައްސަލަ ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން، އެންއައިސީ އަށް ހުށައަޅައިފިއެވެ.

ސަފާރީގައި ޖިންސީ ގޯނާ ލިބުނު އަންހެންމީހާގެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު އެހެން މީހަކާއެކީގައި ވާހަކަދެއްކި ވީޑިޔޯއެއް، މި މައްސަލާގައި ޝިކާރައަކަށްވި އަންހެން މީހާގެ ޤާނޫނީ ވަކީލުންނަށް ލިބުނު ކަމަށް ބުނެ ޓުވީޓާގައި އެ ވީޑިއޯ ވަނީ ހިއްސާކޮށްފައެވެ. އެ ވީޑިޔޯގައި އަންހެން މީހާ ދީފައިވާ ބަޔާނުގެ ބައެއް ބައިތައް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާ އަޑުއިވެއެވެ. 

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެންމީހާގެ ވަކީލު އަލްއުސްތާޛާ ޝަފިއްޔާ ރިޒާ ކުރެއްވި ޓުވީޓެއްގައި ވަނޫ ފުލުސް އިންވިސްޓިގޭޝަން އޮފިސަރު ތަހުގީގު ބަޔާނުގެ ބައެއް ޢިބާރާތްތައް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާ އަޑު އިވޭ ވީޑިޔޯ ހިއްސާކުރައްވާފައެވެ. ވީޑިޔޯއާއެކު ކުރެއްވި ޓުވީޓުގައި ޝަފިއްޔާ ވިދާޅުވެފައިވަނީ، ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ވަކީލުންނަށް ފުލުހުންގެ ތަހުޤީޤު އޮފިސަރު މަލާމާތްކޮށް ބަޔާން ބަދަލުކުރުމާމެދު މަޝްވަރާކުރާ މި ވީޑިޔޯއިން ފުލުހުންގެ ނިޔަތް ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

އިންވެސްޓިގޭޝަން އޮފިސަރުގެ ކިބައިން ފެނިފައިވާ ސުލޫކީ މައްސަލަ ފުލުހަށާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށްވެސް ހުށަހަޅުއްވާފައިވާނެ ކަމަށް ޝަފިއްޔާ ވިދާޅުވިއެވެ. އަދި އާންމުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ ހަވާލުވެފައިވާ ފުލުހުންނަށް އަންހެނެއްގެ ހައްގުތައް ޖޯކެއް ކަމަށް ދެކޭތީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ޝަފިއްޔާ ވިދާޅުވިއެވެ. އަދި ފުލުސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ޓެގުކުރައްވައި، ޢަދުލު ޤާއިމުކުރެވޭކަން ކަށަވަރުކުރެއްވުމަށް ޝަފިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަފާރީ ރޭޕް މައްސަލަ ކުރިއަށް ނުދާތީ ބައެއް ފަރާތްތަކުން ދަނީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން މި މައްސަލަ މިހާރު ގިނަ ބަޔަކު ސިފަކުރަނީ "ރޯޔަލް ރޭޕް ކޭސް" ގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތިގައި ސަފާރީގައި ރޭޕް ކުރި ކަމަށް ބުނާ ކެންޔާގެ އަންހެން މީހާ މިހާރު ވަނީ އޭނާގެ ރަށަށް ފުރައިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު