އާޒިމާގެ މައްޗަށް ކުރިޔަށް ގެންދިޔަ ޝަރީޢަތް
އާޒިމާގެ މައްޗަށް ކުރިޔަށް ގެންދިޔަ ޝަރީޢަތް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޢާޒިމާގެ ފަރާތުންވަނީ ދިފާއުގެ ގޮތުގައި ގިނަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އާޒިމާ ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ދައުވާތައް ފުރިހަމައަށް ތަހްގީގު ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މި ދެ ދައުވާގައިވެސް އޭނާ އާއި އެއް ހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި އޭނާއާއި ގުޅެނީ ކިހިނަކުންކަން ސާފެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ބެންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިި ނެރުނު ހުކުމުން އެނގެން އޮތް ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، ބީއެމްއެލްއިން ހޯދިކަމަށް ދައުލަތުން ބުނާ ލިއުން އެއީ ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށެވެ.

އާޒިމާގެ ގާނޫނީ ވަކީލް ވިދާޅުވީ، މީގެ ކުރިން މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އޭރު މައްސަލަ ކުރިޔަށް ގެންދިޔައިރު ކުރާ ތުހުމަތަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ. ދައުލަތުން އާޒިމާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު މި ތުހުމަތުތައް ބިނާވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާގެ ވަކީލް ދެއްވި ވާހަކަތަކަށް ރައްދު ދެއްވާ، ދައުލަތުން ބުނެފައިވަނީ މައްސަލައިގައި ވަކީލް ބަދަލުވާ ކޮންމެ ވަގުތަކު ޖިނާއީ އިޖުރާއަތުގެ ގާނޫނު އަލުން ހިންގަން ނުޖެހޭ ކަމަށެވެ. އަދި އެކަމަށް އާޒިމާ އިއުތިރާޒު ކުރުމުން ދައުލަތުން ވަނީ އެއްވެސް ގޮތަކަށް ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ހިލާފުވަނީ ނޫންކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ވަކީލު ބަދަލުވާ ކޮންމެ ވަގުތަކީ، އެއީ އިޖުރާއަތުތައް އަލުން ފަށައިގެން ކުރިޔަށް ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ދައުލަތުން ތަކުރާރު ކުރިއެވެ.

އާޒިމާގެ ބައެއް ނުކުތާތަކަށްވެސް ދައުލަތުން ރައްދު ދިނެވެ. މި ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރުސީގެ ފައިސާ ނޫން ކަމަށް ކަނޑައަޅާފައި ނުވާ ކަމަށާއި އެ ހުކުމުގައި ވަނީ އަށް އެކައުންޓްގައިވާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ދަށު ކޯޓުގައި ކަށަވަރުކޮށްނުދީ އޮތް ކަން އެކަނި ކަމަށެވެ.

އާޒިމާ ވިދާޅުވީ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތްކޮށް، ބޮޑެތި ޒިންމާތައް އުފުލާފައިވާ އިރު މުއްސަނދި ވާން އެތައް ފުރުސަތުތަކެއް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކު ވެސް ޖެހި ވަޑައިގެންފައި ނުވާނެ ކަމަށާއި އެފަދަ ހަދިޔާތަކާއި އެ ނޫން ވެސް އެއްޗެއްގައި ހިއްޕަވާފައި ވެސް ނުވާނެ ކަމަށެވެ.

ތިން ގަޑިއިރަށް ވުރެ ދިގު ދެމިގެން ދިޔަ އެ އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ގާޟީ ޙަސަން ސަޢީދު ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ ދަޢުލަތުން ބޭނުންވާ ހުށަހެޅުންތައް ލިއުމުން ހުށަހަޅަން ފުރުސަތު ދިނުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން