އެމްޓީސީސީ
އެމްޓީސީސީ
އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީން ގިނަ އަދަދެއްގެ ވަޒީފާތަކަކަށް އިޢުލާން ކުރުމުން، އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ އަނަސް އަބްދުއްސައްތާރު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ޓެގް ކުރައްވައި އަނަސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުނަށް ބޮޑު ކޮށް ދިނަސް މި މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން، އިންތިޚާބާ ދިމާކޮށް މިފަދަ ގިނަ ވަޒީފާތަކެއް އިޢުލާން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކުރައްވައި، އެކަން ބެލުމަކީ ކޮމިޝަނަށް ލާޒިމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި މަހުގެ ތެރޭގައި އެމްޓީސީސީން 1,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކަށް އިއުލާންކޮށްފައެވެ.

ސަރުކާރުގެ ގެޒެޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 91 އިއުލާނެއްގެ ދަށުން ޖުމްލަ 1,185 ވަޒީފާއަކަށް ވަނީ ހުޅުވާލާފައެވެ.

އިންތިޚާބުގެ މި މުހިންމު ވަގުތުގައި ވަޒީފާގެ ފުރުޞަތުތައް މިގޮތަށް ހުޅުވާލުމަކީ ރައްޔިތުންގެ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު