ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އިންޑިއާއިން ބޭނުންނަމަ ދިވެހިން މަރާފައިވެސް ރާއްޖެ ހިފާނެކަމަށްބުނެ ދައްކާ ވާހަކަތަކަކީ އަސްލު މައްސަލައިގެ ފޯކަސް ގެއްލުވާލަން ދައްކާ ވާހަކަތަކެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.



"ދިވެހިން މަރާފައި ވިޔަސް އިންޑިއާއިން ބޭނުންނަމަ ރާއްޖެ ހިފާނެ،" މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލެއް ރިޓްވީޓް ކުރައްވަމުން، ކުރީގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިކަހަލަ ވާހަކައިގެ މަޤްޞަދަކީ އަސްލު މައްސަލައިގެ ފޯކަަސް ގެއްލުވާލުން" ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިޒަމާނުގައި ބޮޑު ޤައުމަކުން ކުޑަ ޤައުމެއްގެ ދާހިލީ އަދި ޚާރިޖީ ކަންކަން ކޮންޓްރޯލްކުރާނީ ކޮންމެހެން އެޤައުމެއް ހިފައިގެން ނޫންކަމަށެވެ. އަދި ސިއްރު އެއްބަސްވުންތަކަކީ ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކަލެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އިންޑިއާ ބޭނުންނަމަ ދިވެހިން މަރާފައިވެސް އެ ޤައުމުގެ ބާރުގެ ދަށަށް ރާއްޖެ ގެންދާނެކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް ވިދާޅުވި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޟް ވިދާޅުވީ އިންޑިއާއަކީ މާ ބާރުގަދަ ޤައުމެއްކަމަށެވެ. އެ ގޮތުން އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވެއްޖެނަމަ "ދިވެހިން މަރާފައިވެސް" އެ މީހުން އެކަންކުރާނެކަމަށެވެ. ނަމަވެސް މި ސަރުކާރަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާނެކަމަށާއި އިންޑިޔާގެ ވެސް އެފަދަ ނިޔަތެއް ނެތް ކަމަށް މިނިސްޓަރު ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޟްގެ ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސަރުކާރުގެ ވިސްނުމަށާއި ސިޔާސަތު ތަކަށާއި މިނިސްޓަރ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މިވާހަކަތަކާއި ގުޅިގެން ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ ‏"ދިވެހީން މަރާފައި ވިޔަސް ރާއްޖެ އެ މީހުންގެ ބާރުގެދަށަށްގެންދާނެ،" މި އިބާރާތަކީ އިންޑިއާގެ ޣައިރު މުސްލިމަކު ވެސް ރާއްޖެއާމެދު "ބުނެ ވީއްލަން" ކެރޭނެ ބަހެއްކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ހަނދާންކޮށްދެވެން އޮތީ ބާރުތަކުގެ ވެރި ޙަޤީޤީ ބާރަކީ ގަދަ ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާކަމަށް ވެސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މި މައްސަލާގައި އައްޝައިޚް ޢަލީ ޒައިދު ވިދާޅުވީ، "ދިވެހިން މަރާފައި އިންޑިއާއަށް ރާއްޖެ ހިފިދާނެ" ކަމަށް މިނިސްޓަރަކު ވިދާޅުވުމަކީ ލަދުވެތި ދަށުދަރަޖައިގެ ބަހެއް ކަމަށާއި، ވެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ ބަސްމަގު މިދަރަޖައަށް ވެއްޓިގެން ދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފައްޔާޒަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ރާއްޖެއެއް ނުހިފޭނެ ކަމަށާއި ހުރިހާ ދިވެހިން މަރާފައި ނަމަވެސް އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވެސް ވަނީ މިކަމާ ގުޅިގެން ފައްޔާޟަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޙައިލަމް ވިދާޅުވީ، ދިވެހިންނަކީ ތަނެއްގައި ތިބި ހިނިތަކެއް ނޫން ކަމަށާއި، ބަޔަކު ހަމަ ހިތަށް އަރާއިރަށް މަރާނުލެވޭނެ ކަމަށެވެ. އިންޑިއާ ކިތަންމެ ބާރުގަދަ ނަމަވެސް ދިވެހިން ނުމެރޭނެ ކަމަށާއި ރާއްޖެވެސް ނުހިފޭނެ ކަމަށް ޙައިލަމް ވިދާޅުވިއެވެ.

ފައްޔާޟްގެ ވާހަކަތަކާ ގުޅިގެން މީސް މީޑިއާގައި ގިނަ ރައްޔިތުންގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާއިރު، މި ވަގުތަކީ ރާއްޖޭގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ޤައުމީ ޙަރަކާތެއް ހިންގަމުންދާ ދުވަސްވަރެކެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން