ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުން މަޖިލީހުން ދައުލަތުގެ ދަރަންޏާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް ކުުރަމުންދާ ކަމަށާއި، އެމަސައްކަތުގައި ސަރުކާރާއެކު މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި އޮޑިޓާޖެނެރަލް ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ތައްޔާރުކުރައްވައި ޝާއިޢުކުރެއްވި އޮޑިޓު ރިޕޯޓުތަކާ ގުޅޭ ގޮތުން  ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ ހިސާބުތަކާ ގުޅޭ ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމަސައްކަތް ކުރަމުންދަނީ މުޅި މަޖިލީހުގެ ކޮމެޓީއަކުން ކަމަށެވެ. އަދި އެ މަސައްކަތާ ގުޅިގެން، އެ ރިޕޯޓުގައި އެކުލެވިދާނެ ތަކެއްޗާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން އޮތްކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިހުގެ ރިޕޯޓާމެދު އޮތް ކަންބޮޑުވުމަކީ ދަރަންޏާ ގުޅޭ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން ދައްކާ ވާހަކާގައި ތަފާތު ހުރުން ކަމަށެވެ. 

ދައުލަތުގެ މުއައްސަސާތަކުން ދަރަންޏާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމުގައި ތަފާތު ހުންނަނަމަ، ބައިނަލްއަޤުވާމީ އިދާރާތަކުން އެކަން ފާހަގަކުރާނެ ކަމަށާއި، އެހެންކަމުން އެމަސައްކަތުގައި ސަރުކާރާއެކު މަސައްކަތް ކުރުމުގެ މުހިންމު ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެއީ މަޖިލިހުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، ދަރަނީގެ އަދަދުގައި ފަރަގެއްވާނަމަ، އެ ފަރަގަކީ ކޮބައިކަން މަޖިލިހަށާއި ސަރުކާރަށްވެސް އެނގެންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަރަނީގައި ފަރަގެއް އޮތްނަމަ އެކަމެއް ފޫބެއްދޭނީ އެގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މުޅި މަޖިލިސް ކޮމިޓީގެ މަސައްކަތް ނިމި ރިޕޯޓު ފުރިހަމަވާއިރު، މި ހުރިހާ ބާވަތެއްގެ ދަރަނީގެ ހިސާބު ވަކިން ހެދިގެންދާނެ ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓުގައި 2021، 2022 އަދި 2023 ވަނަ އަހަރު ދަރަނި އަދާކުރުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު ހިމެނޭނެ ކަމަށެވެ. އެއިން ކޮންމެ އަހަރެއްގައި ދައްކަންޖެހެނީ ކޮން މިންވަރެއްކަން ހޯދޭނެ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައި ދިވެހި ދައުލަތް އިންތިހާއަށް ދަރަނިވެރިވެފައިވާ ކަމަށެވެ.

މަޖިލީހުން ދަރަނީގެ މައްސަލައިގައި ރިޕޯޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ދާދިފަހުން މާލިއްޔަތު ކޮމެޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދަރަނި ނުވަތަ ލޯނު އެއްބަސްވުންތަކާ ގުޅޭ ނުރަނގަޅު މައުލޫމާތު ހާމަނުކުރުމަށާއި، ކްރެޓިޑް އޭޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެފަދަ ނުރަނގަޅު މައުލޫމާތުގެ ސަބަބުން އިންވެސްޓަރުންގެ ކުރިމަތީގައި ދިވެހި ދައުލަތާއި ސަރުކާރުގެ އިތުބާރު ގެއްލި، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން