މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހީދު ވާހަކަ ދައްކަވަނީ ފޮޓޯ : ރަސް އޮންލައިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހީދު ވާހަކަ ދައްކަވަނީ ފޮޓޯ : ރަސް އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ރައްޔިތުންނަށް އުންމީދެއް ގެނެސްދީ، މި ސަރުކާރަށް ވަރުގަދަ މެސެޖެއް ދިން އިންތިޚާބެއް ކަމަށް އިދިކޮޅު އެމް.ޑީ.ޕީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު ވިދާޅުވީ، މި އިންތިޚާބަށް އެ ޕާޓީން ތައްޔާރުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޚާއްސަ ޓްރޭނިންގް ޕްރޮގްރާމްތަކާއި މެންޓަރޝިޕް ހަރަކާތްތަކެއް ހިންގައިގެން ކަމަށެވެ. އަދި މިފަހަރުގެ ކެމްޕޭނަކީ ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ، ޑިޖިޓަލް ކެމްޕޭނެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ކެމްޕޭނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އިންތިޚާބުގެ އިންތިޒާމުތައް ދިޔަ ގޮތާމެދު އެމް.ޑީ.ޕީން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ވަހީދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފެނުނު އެންމެ އިންސާފުވެރިކަން ކުޑަ އަދި އޮޅުންބޮޅުން ބޮޑު އިންތިޚާބު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ނުފޫޒަށް ތަބާވެ، ރައްޔިތުންނަށް ވޯޓުލުމަށް ހުރަސްއެޅޭ ގޮތަށް ކަންތައްތައް ތަރުތީބު ކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އަމަލުތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އިންތިޚާބުގެ ނަތީޖާއާ މެދު ޕާޓީން ހިތްހަމަޖެހުނު ނަމަވެސް، ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލޭ މެދުދާއިރާ، އަދި ނޫނު މަނަދޫގެ ބައެއް ފޮށިތަކާ ގުޅޭ ގާނޫނީ މައްސަލަތައް އެ ޕާޓީގެ ލީގަލް ޓީމުން މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށާއި، ބޭނުންވެއްޖެ ނަމަ އިތުރު ގާނޫނީ މަރުހަލާތަކަށް ދާންވެސް ފަސްނުޖެހޭނެ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން ވަހީދު ވަނީ، އިންތިޚާބުގެ ކަންކަން ކަވަރު ކުރުމުގައި މީޑިއާތަކުން، ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިލެކްޝަންސް ކޮމިޝަނަކީ ގާނޫނުއަސާސީގައި ބުނާ ފަދަ މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ކަށަވަރު ކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު