ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ބައިވެރިވެވަޑައިނުގެން، ޖަލްސާ ބޮއިކޮޓް ކުރަށްވައިފިއެވެ.

މި ޖަލްސާގައި ރައީސް ނަޝީދަށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދީފައިނުވާތީ، ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޖަލްސާ ފެށުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއާ ދެމެދު ރައީސް ނަޝީދަށް ޚާއްޞަކޮށް ހުސް ގޮނޑިއެއް ބެހެއްޓިފައި ހުއްޓެވެ. ނަމަވެސް، ޖަލްސާ ކުރިއަށްދަނިކޮށް އެ ގޮނޑި ވަނީ އެ ތަނުން ނަގައިފައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޕާޓީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން އުފާވެރި ރެއެއް ނަމަވެސް، ކަންތައްތައް ހިނގަމުންދާ ގޮތުން މިއީ އެމަނިކުފާނަށް ނުހަނު ހިތްދަތި ރެއެއް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު