ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލަ، ރައްޔިތުންގެ މަޖްލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ބަލައި ފިޔަވަޅު އެޅުމަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ މެންބަރު އިކްރާމް މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން، ބަލައިދީ ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. އަދި މެންބަރު އިކްރާމް ޙަސަންވަނީ، އޭނާގެ ސާމްޕަލްނެގި ސިއްހީ ޚިދުމަތްތެރިޔާއަށް ދެފަހަރެއްގެ މަތިން އަތްއިސްކޮށް، (އެއް ފަހަރު އަތުގައި އަނެއްފަހަރު ފޭސް ޝީލްޑްގައި) ޖަހައި، ތިމަންނާއަށް އަނިޔާކުރާނަމަ، ޖެހުމުގެ ހައްޤު އޮންނާނެކަމާއި އަދި ތަކުރާރުކޮށް ޖަހާނެކަމަށް ބުނެފައިކަމަށް ސިޓީގައި ވެއެވެ.

"ތިމަންނާއަކީ އެމްޕީއެއް ކަމަށާއި ތިގޮތަށް އަނިޔާ ނުކުރެވޭނެކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށައަޅާނެކަމަށް ބުނެ ބިރުދައްކާފައެވެ. އަދި ޚިދުމަތްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އޭނާއާއި މުޙާތަބުކޮށް، "މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކާފައި،" ކަމަށް ސިޓީގައި ވެއެވެ.

ރައްޔިތުން އިންތިހާބްކުރާ، ރައްޔިތުން ތަމްސީލްކުރާ އިއްޒަތްތެރި މަޤާމެއްގައި ހުރެ، ރައްޔިތުންނަށް ޢާއްމު ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުއައްޒަފަކަށް، ފުރައްސާރަކޮށް ހަމަލާދީ، އަދި އެކަން ދިފާއު ކުރައްވަން އިކްރާމް ކުރައްވާ މަސައްކަތް ވެސް އެ ޔޫނިއަނުން ވަނީ ކުށްވެރިކޮށްފަ އެވެ.

މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުން އަންނަނީ އާއިލާއާ ރަހުމަތްތެރިންނާ ދުރުގައި ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރަމުން ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ބުނެފައިވެއެވެ. އަދި އެ ހިދުމަތުގައި ދެމި ތިބީ ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ބޮޑަށް ގައުމީ ރޫހުގައި ކޮވިޑްގެ ހާލަތުން ރައްޔިތުންނާއި މުޖުތަމައު ސަލާމަތް ކުރުމުގެ ރޫހުގައި ކަމަށް ވިއަސް މުޖުތަމައުގެ ތެރެއިން މަދުން ނަމަވެސް ފުރައްސާރައިގެ ބަސްތަކާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޔޫނިއައުން ބުންޏެވެ.

އެ ޙާދިސާއާއި ގުޅިގެން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އޭނާ ކަރަންޓީނުގެ ސާދަ ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ހަދަން މާފަންނު މަދަރުސާ އަށް ވަޑައިގެން ކޮވިޑް ޓެސްޓް ހެއްދެވި ކަމަށާއި، ޓެސްޓް ހެއްދެވުމުގެ ތެރޭގައި އެޗްޕީއޭގެ އޮފިޝަލަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ސާމްޕަލް ނަގާ އޮފިޝަލު އޭނާގެ ސާމްޕަލް ނެގުމަށް ނޭފަތަށް ލެއްވި އެތި ވަރަށް އެތެރެއަށް ލެއްވި ކަމަށާއި، އެވަގުތު ތަދުވެގެން އޮފިޝަލުގެ އަތުގައި ހިފައި ދުރަށް ޖެއްސެވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް އެހެން ވިދާޅުވި ނަމަވެސް އެހާދިސާ ހިނގި އިރު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މެންބަރު އިކްރާމް އާރްއާރްޓީގެ މެންބަރަށް ދެފަހަރު މަތިން ހަމަލާ ދެއްވި ކަމަށެވެ. "ފޭސް ޝީލްޑާއެކީ މޫނުމަތީގައި ދެފަހަރު ޖެހިތަން ދުށް" ކަމުގައި ޓްވީޓަރގައި މިހާދިސާ ހިއްސާ ކުރެއްވި އާރްއާރްޓީގެ އެހެން މެންބަރަކު ވިދާޅުވެފައި ވެއެވެ. އިކްރާމްގެ މި އަމަލު ކުށްވެރިކޮށް ސިއްހީ ޚިދުމަތްތެރިން ނިސްބަތްވާ ޖަމިއްޔާތަކުން ވެސް ވަނީ ބަޔާން ނެރެ މިމައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

މާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި އަމަލު ހިންގި މެންބަރު ފުލުހަށް ހާޒިރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމެއް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކޯވިޑް ޓެސްޓް ކުރަން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފަރާތްތަކާއި ކަރަންޓީނަށް ދާން ދެކޮޅު ހަދާ ފަރާތްތަކާއި ކަރަންޓީނުގައި ބެހެއްޓުމަށް ގަވާޢިދާ ޚިލާފަށް އަމަލު ކުރާ ފަރާތްތައް މީގެ ކުރިން ވަނީ ފުލުހުން މެދުވެރިކޮށް ހައްޔަރުކޮށް ކޯޓު އަމުރު ތަކުގެ ދަށުން ބައެއް ފަރާތްތަކަށް ވަރުގަދަ އަމުރުތައްވެސް ތަންފީޒުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން