ޢާއިލީ އޮނިގަނޑަށް ބަލައި މީހުންގެ މިޒާޖު ވަޒަންކުރުމަކީ ވަރަށް އާންމުކަމެކެވެ. އެގޮތުން ބޮޑުދައިތައެއް ނުވަތަ އެއްބަނޑު އެއްބަފާ ދައްތައެއްގެ ބެލެހެއްޓުމުގެ ދަށުން ބޮޑުވާ ފިރިހެނުންނަކީ، ދިރިއުޅުމުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރުމަށް އެންމެ އެކަށީގެންވާ ސިފަތައް ހުންނަ މީހުން ކަމުގައި ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ. މިސާލަކަށް، މާބޮޑަށް މަންމައަށް ބަރޯސާވާ "މަންމަގެ ދަރިން" އަކީ އަމިއްލަ ފައިމައްޗަށް ތެދުވަން ނޭނގޭ ބައެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އާއިލާގައި ހުންނަ ހަމައެކަނި ދަރިއަކީ އަމިއްލަ އެދުން ބޮޑު ކުއްޖެއްގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް، މީގެ ތެރެއިން އެންމެ ރަނގަޅު ސިފަތަކެއް ލިބިފައިވާ ބަޔަކީ ދައްތައިންގެ ގާތުގައި ބޮޑުވާ ފިރިހެނުން ކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

ޢާއިލާއެއްގައި ދައްތައެއް ހުރުމަކީ، އެދައްތަގެ ނުފޫޒު ކޮއްކޮގެ މައްޗަށް ވަރަށް ބޮޑަށް ފޯރުވާ ކަމެކެވެ. އެއީ އެކުވެރިއެއް ފަދައިން ގާތް ގުޅުމެއް ބާއްވަމުންވެސް، ކޮއްކޮގެ އުޅުން ބައްޓަންކުރުމުގައި ބެލެނިވެރިއެއް ފަދަ ދައުރެއް ދައްތަ އަދާކުރާތީއެވެ. އާއިލީ ތެރަޕިސްޓުން ބުނާގޮތުގައި، މިފަދަ މާހައުލެއްގައި ބޮޑުވާ ފިރިހެނުންގެ ކިބައިގައި ހުންނަ ޚާއްޞަ ސިފަތަކުގެ ސަބަބުން، އެމީހުންނަކީ ލޯބީގެ ގުޅުންތަކުގައި ކާމިޔާބު ބަޔަކަށް ވެއެވެ.

ބޮޑުދައިތައެއް ނޫނީ އެއްބަނޑު އެއްބަފާ ދައްތައެއްގެ ހިޔާވަހިކަމުގެ ދަށުގައި ބޮޑެތިވާ ފިރިހެނުންގެ ކިބައިން ފެންނާނެ މުހިންމު ރަނގަޅު ސިފަތަކަށް ބަލާލާނަމަވެ.

1. އަޅާލުމާއި އިޙްތިރާމްކުރުން އަށަގަނެފައިވުން:

ބައެއް ފިރިހެނުން ފުރަތަމަ ބައްދަލުވުމުގައި ރީތި އަޚްލާޤު ދެއްކި ނަމަވެސް، ދައްތައިންގެ ގާތުގައި ބޮޑުވާ ފިރިހެނުންގެ ކިބައިގައި އެހެންމީހުންނަށް އިޙްތިރާމްކުރުމުގެ ސިފަ ހުންނަނީ ގުދުރަތީ ގޮތުން އަށަގަނެފައެވެ. ކުދިކުދި ކަންތައްތަކުގައި އެހީތެރިވުމާއި، މީހުންނަށް އިޙްތިރާމްކުރުމަކީ ދައްތައިން އެމީހުންނަށް ދަސްކޮށްދީފައިވާ، އަދި އެކަން ނުކޮށްފިނަމަ ފާޑުކިޔުން އަމާޒުވާނެ ކަންކަމެވެ. އެހެންކަމުން، އެމީހުންނަކީ ހިތްހެޔޮ، އަދަބުވެރި ބަޔަކަށް ވެއެވެ.

2. އަންހެނުންގެ އިޙްސާސްތައް ދެނެގަތުން:

ދައްތައިންނާއެކު ބޮޑުވާ ފިރިހެނުންނަށް އަންހެނުން ދިރިއުޅުމުގައި ކުރިމަތިލާ ގޮންޖެހުންތަކާއި، އިޙްސާސްތައް ވަރަށް ގާތުން ފެނިފައި ހުރެއެވެ. ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ތަފާތުކުރުންތަކާއި، ސިއްހީ ގޮތުން އަންހެނުންނަށް ކޮންމެ މަހަކު ކުރިމަތިވާ އުނދަގޫތަކަކީ އެމީހުންނަށް އާ ކަންތައްތަކެއް ނޫނެވެ. މީގެ ސަބަބުން، އެހެން އަންހެނުންނާ މެދު ކަންތައް ކުރަންޖެހޭ ގޮތާއި، އެމީހުންގެ އިޙްސާސްތައް ދެނެގަތުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި އިތުރުވެއެވެ.

3. އަމިއްލަ އިޙްސާސްތައް ހާމަކުރަން ޖެހިލުންނުވުން:

ފިރިހެނުންނަކީ ހިތާމައާއި ދެރަވުން ފަދަ އިޙްސާސްތައް ފާޅުކުރުމަކީ ބަލިކަށިކަމެއް ކަމަށް މުޖުތަމައުން ދަސްކޮށްދީފައި އޮތް ނަމަވެސް، ދައްތައިންގެ ގާތުގައި ބޮޑުވާ ފިރިހެނުންނަށް މިކަން ތަފާތެވެ. ދައްތައިންނަކީ ކޮއްކޮގެ އިޙްސާސްތަކަށް ފުރުޞަތުދޭ ބަޔަކަށް ވާތީ، ދެރަވުމުން އެކަން ހާމަކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަން އެމީހުންނަށް ދަސްވެއެވެ. މީގެ ސަބަބުން، ލޯބީގެ ގުޅުންތަކުގައި އިޙްސާސްތައް ފާޅުކުރަން އެނގޭ، އިތުބާރު ހުރި ބައިވެރިންނަށް އެމީހުން ވެއެވެ.

4. މުޢާމަލާތްކުރުމުގެ ހުނަރުވެރިކަން:

ދައްތައިންނާއެކު އުޅުމުގެ ތެރެއިން، ކަންކަމާ މެދު ވާހަކަދައްކައިގެން ހައްލު ހޯދުމުގެ ހުނަރު މިފަދަ ފިރިހެނުންނަށް ލިބެއެވެ. އަންހެނުންނަކީ އާންމުކޮށް އިޙްސާސްތައް ބަހުން ބަޔާންކުރާ ބަޔަކަށް ވާތީ، އެކަން ފެނި ދަސްވުމުގެ ސަބަބުން، މިފަދަ ފިރިހެނުންނަށްވެސް އެމީހުން ހިތްހަމަނުޖެހޭ ކަންކަމާއި، ބޭނުންވާ ކަންކަން ސާފުކޮށް ބުނަން އެނގެއެވެ. މިއީ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ދިރިއުޅުމުގެ ބައެއް ހުނަރުތަކަކީ ދަސްކުރަން ވަގުތު ނަގާ ކަންކަމެވެ. ނަމަވެސް، ދައްތައެއްގެ ބެލެހެއްޓުމާއި ނުފޫޒުގެ ދަށުން ބޮޑުވާ ފިރިހެނުންގެ ކިބައިގައި މި މުހިންމު ސިފަތައް ހުންނަނީ ގުދުރަތީ ގޮތުން ހަރުލާފައެވެ. އެހެންކަމުން، އެމީހުންނަކީ އަންހެނުންނަށް އިޙްތިރާމްކުރަން ދަންނަ، އަދި އޯގާތެރި ބައިވެރިންނަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު