މީކާއިލް އަހުމަދު ނަސީމް
މީކާއިލް އަހުމަދު ނަސީމް
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީގެ ސަފުތައް ބަދަހިކޮށް ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ ޕާޓީގެ ޗެއަރޕާސަން ކަމަށް މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރިމަތިލައްވައިފިއެވެ.

ޕާޓީގެ އާންމު މެންބަރުންނާ މުޚާތަބު ކުރައްވައި މީކާއީލް ވިދާޅުވީ، ޕާޓީގެ ހިންގުމާ ހަވާލުވާންޖެހޭނީ ވަކިވަކި ލީޑަރުންގެ މަސްލަހަތަށްވުރެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާނެ އަދި މޫނަކަށް ކަނދުރާއަކަށް ނުބަލައި ހަމަހަމަކަމާއެކު މަސައްކަތް ކުރާނެ ފަރާތެއް ކަމަށެވެ.

މީކާއީލްގެ ވާހަކަފުޅުގައި، އެމްޑީޕީގެ ލީޑަރޝިޕުން އާ ޒުވާން ޖީލަކަށް ފުރުސަތު ދިނުމުގެ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އަބަދުވެސް އެއް މޫނުތަކެއް އަދި އެއް ވިސްނުންތަކެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި، އާ ވިސްނުންތަކަކާއެކު ޕާޓީ ކުރިއަށް ގެންދިއުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޕާޓީއަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ ބަގާވާތާ ދެކޮޅަށް އުމުރުން އެންމެ 18 އަހަރުގައި ނުކުމެ، ސްކޫލުން ވަކިކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ޕާޓީގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައި ހުރިކަން މީކާއީލް ހަނދާން އާކުރެއްވިއެވެ.

އޭގެ ފަހުން ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސްކަމާއި، ދެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފުރުއްވާފައިވާ މީކާއީލް ވަނީ، ޕާޓީގައި ހޭދަކުރެއްވި 16 އަހަރުގެ ތަޖުރިބާގެ އަލީގައި ޕާޓީގެ ދާއިމީ ޗެއަރޕާސަން ކަމަށް އޭނާއަށް ވޯޓު ދެއްވުމަށް އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން މީކާއީލް ވަނީ، ކޮންމެ ހާލަތެއްގައިވެސް އާންމު މެންބަރުންނާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވައި، އިތުބާރާއެކު އޭނާއަށް ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު