ފުލުހުން ސަފާރީ ކޭސްގެ މައުލޫމާތު މަޖިލީހަށް ދެނީ
ފުލުހުން ސަފާރީ ކޭސްގެ މައުލޫމާތު މަޖިލީހަށް ދެނީ
މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީ އެއްގައި ކެންޔާ އަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެ އަންހެން މީހާ ފުލުހުންނަށް ދިން ބަޔާން ފުލުހުން ބަދަލު ކުރިކަމަަަށް ބުނާ ވާހަކަތަށް ފުލުހުންގެ އިދާރާ އިން ދޮގުކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީސްމީޑިއާގައި އާންމުކޮށްފައިވާ އެވީޑިއޯ ކްލިޕަކީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ހިމެނޭ އަންހެން މީހާއާ ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަރވިއު ރެކޯޑިންގ އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުގެ މަރުހަލާގައި ތަޙްޤީޤްކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް ކަމަށެެވެ. އަދި މިއީ އެ އަންހެން މީހާގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް ދޭހަވާގޮތަށް އޭނާގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ، ތަޙްޤީޤަށް ކުރެވޭ އިންޓަރވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަޙްޤީޤުގައި ބައިވެރިވި ފަރާތްތަކުގެމެދުގައި މަޝްވަރާކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަޙްޤީޤްކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓްކުރުމަކީ އާންމު އުސޫލުންވެސް އަމަލުކުރެވޭ ގޮތްކަމަށެވެ. އަދި އެއީ ތަޙްޤީޤަށް ނެގޭ ބަޔާން ބަދަލުކުރުން ނޫންކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ތަޙްޤީޤުގައި ކުރެވޭ އިންޓަރވިއުއަށްފަހު، ބަޔާން ލިޔެ، އިންޓަރވިއު ކުރެވޭ ފަރާތާއި އިންޓަރވިއު ކުރެވޭ ފަރާތުގެ ޤާނޫނީ ވަކީލުން ބަލައި ޗެކްކުރުމަށްފަހު ބަޔާނަށް ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ އެބަދަލެއް ގެނައުމަށްފަހު ސޮއިކޮށް އިނގިލީގެ ނިޝާންޖެހުމަކީ ތަޙްޤީޤުގައި އާންމުކޮށް އަމަލުކުރެވޭ އުސޫލު ކަަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަރވިއު ކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު އެފަރާތުން ބޭނުންވާ އިސްލާޙުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތުކުރުމަށް ޤާނޫނީ ވަކީލުން އައްޔަނުވުމަށްފަހު، ކުރިން ތަޙްޤީޤަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަރވިއު ކުރުމަށް އެދި ވިކްޓިމްގެ ޤާނޫނީ ވަކީލުން ޕޮލިސް ސަރވިސްއަށް ލިޔުމުން ހުށައެޅުމުން ޤާނޫނީ ވަކީލުންގެ ޙާޟިރުގައި ކުރެވިފައިވާ އިންޓަރވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަރވިއު ފެށުމާއި ދޭތެރޭ ތަޙްޤީޤްކުރި ފަރާތްތަކުން ބަޔާނުން އިސްލާޙުކުރުމަށް ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކުރުމަށް ދެކެވުނު ވާހަކަތަކެއް ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ވީޑިއޯގައި އިންޓަރވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން، މުޖުތަމަޢުގެ ތެރެއަށް ވީޑިއޯ މިގޮތަށް އާންމު ކުރުމަކީ ވިކްޓިމްގެ ހައްޤުތަކަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއްކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުން ހިންގާ ޖިނާޢީ ތަޙްޤީޤްތަކުގައި ބައިވެރިވާ ޤާނޫނީ ވަކީލުން ތަޙްޤީޤްގެ ތެރޭގައި ކުރެވޭ އިންޓަރވިއު ނުވަތަ މަސައްކަތްކުރާ ގޮތަކާއި މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ބޭނުންކޮށްފައި ނުވާ ކަަމަށާއި، އިންޓަރވިއުގެ ރެކޯޑިންގެ ބައިތައް ފަދަ ތަޙްޤީޤާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކޮށް، ކުށުގެ އަނިޔާލިބޭ ފަރާތްތަކުގެ މައުލޫމާތު މިގޮތަށް އާންމުކުރުމަކީ ފުލުހުންގެ އިދާރާއިން ކަންބޮޑުވާކަމެއް ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޞައްވުރު ކިލަނބުވާ ގޮތަށް ހަޤީޤަތާއި ޚިލާފު ތުހުމަތެއްކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"މިމައްސަލަ އެންއައިސީ އަށް ހުށައަޅާނެ ކަމަށް ބަޔާންކޮށްފައިވާތީ މިކަމާއި ގުޅިގެން އެކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގައި ޕޮލިސް ސަރވިސްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި، މިމައްސަލަ ނިމޭގޮތަށް ބަލައި މިކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް، "ރޯޔަލް ރޭޕް ކޭސް" ގެ ގޮތުގައި ސޯޝަލް މީޑިއާގައި މިހާރު މަޝްހޫރުވެފައިވާ ސަފާރީ ރޭޕް ކޭސްގައި ޖިންސީ ގޯނާ ލިބުނު އަންހެންމީހާގެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު އެހެން މީހަކާއެކީގައި ވާހަކަދައްކާފައިވާ ވީޑިޔޯއެއް، މި މައްސަލާގައި ޝިކާރައަކަށްވި އަންހެން މީހާގެ ޤާނޫނީ ވަކީލުންނަށް ލިބުނު ކަމަށް ބުނެ ޓުވީޓާގައި އެ ވީޑިއޯ ވަނީ ހިއްސާކޮށްފައެވެ. އެ ވީޑިޔޯގައި އަންހެން މީހާ ދީފައިވާ ބަޔާނުގެ ބައެއް ބައިތައް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާ އަޑުއިވެއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ބަދަލުކުރަން ފުލުހުން މަސައްކަތްކުރި ކަމުގެ ތުހުމަތުކޮށް އެމައްސަލަ ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން، އެންއައިސީއަށް މިހާރު ވަނީ ހުށައަޅާފައެވެ.

މި މައްސަލަ ހިނގާދިޔަ ދުވަސް ވަރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުންނާއި ކޮމިޝަން ތަކުންނާއި ފުލުހުންގެ ތަހުގީގު ޓީމުން ވެސް ވަރަށް ހަލުއިކަމާއެކު މިމައްސަލަ ބަލަން ފަށައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން މައްސަލައިގެ އަޑު ކެނޑި އަނިޔާ ލިބުނު ބޭރު އަންހެން މީހާއާއި މިމައްސަލައިގައި ހިމެނޭ ދިވެހީން ވީތަނެއްވެސް އެއިން ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ނައީމް

13-Oct-2020

ކޮންމެހެން ދޮގުތަކެއް ނެހެދިޔަސް ރައްޔިތުން ނަށް މިރާއްޖޭގައި އަދުލު އިންސާފު އޮތް މިންވަރު ރައްޔިތުންނަށް އޮޅިފައެއް ނެތް.


-2

ނައީމް

13-Oct-2020

ކޮންމެހެން ދޮގުތަކެއް ނެހެދިޔަސް ރައްޔިތުން ނަށް މިރާއްޖޭގައި އަދުލު އިންސާފު އޮތް މިންވަރު ރައްޔިތުންނަށް އޮޅިފައެއް ނެތް.



ޓްރެންޑިން