ޑިއެގޯ ގާސިއާ
ޑިއެގޯ ގާސިއާ
އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޑިއެގޯ ގާސިއާގައި ހިމާޔަތް ހޯދައިގެން ތިބި ލަންކާގެ ތަމަޅަ ރެފިއުޖީންގެ ތެރެއިން އެ ރަށުގައި އެންމެ ފަހުން ހުރި މީހާ، އިންސާނީ އެހީތެރިކަމުގެ ދަށުން ވަގުތީ ގޮތުން މިހާރު ދިވެހިރާއްޖެއަށް ގެނެސްފައިވާ އިނގިރޭސި ވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ޓެލެގްރާފުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިއެގޯގާސިޔާގައި ރެފިއުޖީ ކޭމްޕެއްގައި އުޅެމުންއައި ސްރީލަންކާ އަށް ނިސްބަތްވާ ތަމަޅަ ނަސްލުގެ ގުރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ފަހަށް ހުރި މީހާ ރާއްޖެ ގެނެސްފައިވާއިރު އެ ކޭމްޕް މިހާރު ވަނީ ރަސްމީކޮށްފައި ބަންދުކޮށްފައެވެ.

އެރަށުގައި ކޭމްޕެއްގައި އެމީހުން ދިރިއުޅެންފެށީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސްރީލަންކާގެ މިގުރޫޕް އެގައުމަށް ފިލައިގެން ބޯޓެއްގައި ކެނެޑާއަށް ދަތުރުކުރަމުންދަނިކޮށް އެ ބޯޓު ހަލާކުވެ، ކަނޑުމަތީ ހާލުގައި ޖެހިފައިވަނީކޮށް އެ ސަލާމަތްކޮށް އެރަށަށް ބޭލި ހިސާބުންނެވެ.

އޭގެ ފަހުން ތިން އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެ މީހުން ތިބީ އެ ރަށުގައި ހަދާފައިވާ ވަގުތީ ކޭމްޕެއްގައި، ހަރުކަށި ސަލާމަތީ ފިޔަވަޅުތަކާއެކު ބަންދުކޮށްފައެވެ.

އެ ކޭމްޕުގައި އެންމެ ފަހަށް ހުރި "ކޭޕީ" ގެ ނަމުން ނަންދީފައިވާ މި މީހާ ރާއްޖެއަށް ބަދަލުކުރަން ޖެހުނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ މެދުއިރުމަތީގެ މަސްލަހަތު ގޯސްވުމާ ގުޅިގެން ޑިއެގޯ ގާސިއާގެ މިލިޓަރީ ބޭސްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެތަނުގައި ތިބި މަދަނީ މީހުން ހުސްކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ނިންމުމާއި، އެ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ގޯސްވަމުން ދިއުމާއެކު އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމެއް އެ ރަށުގައި ނެތުމެވެ. ދިވެހި ސަރުކާރުން މި މީހާއަށް އެހީތެރިކަން ފޯރުކޮށްދިނީ 30 ދުވަހުގެ އިންސާނީ އެހީތެރިކަމުގެ ފުރުސަތެއްގެ ދަށުންނެވެ.

މިއީ ދާއިމީކޮށް ހިމާޔަތް ދިނުމެއް ނޫން ކަމަށާއި، މި މުއްދަތުގެ ތެރޭގައި އޭނާ އިނގިރޭސިވިލާތަށް ނުވަތަ އެހެން ގައުމަކަށް ބަދަލުކުރުމުގެ މަސައްކަތް އިނގިރޭސި ސަރުކާރުން ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު