މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާތީ، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.

އޭޑީބީން މި މަހު އާންމުކުރި "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމަކީ ރާއްޖޭގެ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 އިންސައްތައިގައި ކުރިއަރާފައިވީ ނަމަވެސް، މި އަހަރު އެ ރޭޓު 1 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް، ހަނގުރާމައިގެ ހާލަތު ރަނގަޅުވެ، ދުނިޔޭގެ އިގުތިސާދީ ދުވެލި ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 3 އިންސައްތައަށް އުފުލޭނެ ކަމަށް އޭޑީބީން ލަފާކުރެއެވެ.

އިގުތިސާދީ ދާއިރާގެ ބޭފުޅުން ކަންބޮޑުވާ އަނެއް ކަމަކީ ތަކެތީގެ އަގު އުފުލުމެވެ. ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އިންފްލޭޝަން ރޭޓު 5 އިންސައްތައަށް އުފުލޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަހުގެ ތެރޭގައި އަނބުރާ ދެއްކުމަކީ ދަރަނީގެ ހާލަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭޑީބީން ފާހަގަކުރެއެވެ. އެހެންނަމަވެސް، ސުކޫކު ދެއްކުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ކުޑަވެފައިވާ ދަނޑިވަޅެއްގައި، ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން ރިޒާވަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.

ސުކޫކު ދެއްކި ނަމަވެސް، ރާއްޖޭގެ ދަރަނީގެ ނިސްބަތް އަދިވެސް ހުރީ ޖީޑީޕީގެ 130 އިންސައްތައިގައެވެ. އެހެންކަމުން، ބޭރުން އިތުރު ދަރަނި ނެގުމުގެ ފުރުސަތުތައް ހަނިވެފައިވާތީ، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް އޭޑީބީން ވަނީ އިރުޝާދު ދީފައެވެ.

އިގުތިސާދަށް ހުރި ގޮންޖެހުންތަކާ އެކުވެސް، ފަތުރުވެރިކަމުގެ ދާއިރާއިން އުއްމީދީ މަންޒަރުތަކެއް ފެންނަން އެބަހުއްޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު، މިދިޔަ އަހަރު ފަތުރުވެރިކަން 10 އިންސައްތަ ކުރިއަރާފައިވާއިރު، ހަނގުރާމައިގެ ހާލަތުގައި ވެސް މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އޭޑީބީގެ ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު