ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ)
ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ)
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން ޖަލުން މިނިވަންވުން ވެގެންދާނީ މިސަރުކާރަަށް ކެތް ނުކުރެވޭ ވަރުގެ ކަމަކަށް ކަމުގައި ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕްރޮގުރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ، ހައި ކޯޓުގައި އޮތް ރައީސް ޔާމީންގެ ހުކުމްގެ އިސްތިއުނާފް ޝަރީއަތަށް ވެސް ޖޭއެސްސީގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ދަށު ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އެ މީހުން ބޭނުންވާ ގޮތަށް ދެން އެ މައްސަލަތައް ގެންދެވޭނެ ކަމުގެ ޔަގީންކަން ގެއްލެމުން ދާތީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމިން ޖަލުން މިނިވަންވެގެންދިޔުމަކީ މިސަރުކާރުން ކުރާ ނޭއްގާނީ ކަންތައްތައް ހުއްޓިގެންދާނެ ކަމެއް ކަމަށާއި، އެމަނިކުފާނު ޖަލުން ނުކުމެވަޑައިގަތުން ވެގެންދާނީ ސަރުކާރަށް ކެތް ނުކުރެވޭ ވަރުގެ ކަމެއް ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"އެއަށްވުރެ މާ ވަރުގަދަކޮށް ރައީސް ޔާމިން ގައުމުގެ ދިފާއުގައި މަސައްކަތް ކުރަށްވާނެ ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް އެމަނިކުފާނު ވަކާލާތު ކުރަށްވާނެ." އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރަކީ ޢަދުލު އިންސާފު ޤާއިމުކުރާނެ ކަމަށް ވަޢުދުވެގެން ވެރިކަމަށް އައުމަށްފަހު އެކަމަށް ހުރަސްއަޅާ ސަރުކާރެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުނުކޮށް އެ ކޮމިޝަންގައި ތިއްބަވައިގެން މި ސަރުކާރުގެ އިސް ބޭފުޅުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އަދުރޭ ވަނީ ތުހުމަތުކުރަށްވާފައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ވެރިކަމެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރާނެ ކަމުގެ ޔަގީންކަން ވެސް އަދުރޭ ދެއްވިއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މީގެއިތުރުން ރައީސް ޔާމިންގެ މައްޗަށް އިތުރުދައުވާތަކެއް ދައުލަތުން އުފުލައި އެމައްސަލަތައް މިހާރު ވަނީ ކޯޓަށް ހުށައަޅާފައެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާގޮތުގައި ރައީސް ޔާމިންގެ މައްޗަށް ޖަލުގެ ހުކުމް އިއްވާފައިވަނީ ނުހައްގުން ސިޔާސީގޮތުންނެވެ. ރައީސް ޔާމިންގެ އެކައުންޓުތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ދާދިފަހުން ސްޕްރީމް ކޯޓުން ހުކުމްކުރުމުން އިދިކޮޅުންވަނީ ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން