އޭސީސީގެ ރައީސް-
އޭސީސީގެ ރައީސް-
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އެކަށީގެންވާ މިންވަރާ ގާތަށްވެސް އަދާކުރަމުން ނުދާކަމަށް ބުނެ އެމްޑީޕީން އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށް އެދިއްޖެއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެމްޑީޕީން ފޮނުވި ރަސްމީ ސިޓީއެއްގައި ބުނެފައިވަނީ، ދިވެހި މުޖުތަމައަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމައަކަށް ހެދުމަށްޓަކައި އެ ކޮމިޝަނަށް ހަވާލުކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ވޭތުވެދިޔަ ތަނުގައި އެކަށޭނަ މަސައްކަތްތަކެއް ފެނިފައި ނުވާ ކަމަށެވެ.

އެމްޑީޕީގެ ސިޓީގައި ބޮޑެތި ތުހުމަތުތަކެއް އޭސީސީއަށް ވަނީ އަމާޒުކޮށްފައެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅަމުން ނުދާ ކަމަށާއި، ދައުލަތުގެ ހިންގުން ކޮރަޕްޝަނަށް މަގުފަހިނުވާނޭ ގޮތަށް ބައްޓަންކޮށް ނިޒާމުތައް ހަރުދަނާކުރުމަށްވެސް އޭސީސީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާއި އޭސީސީގެ މެންބަރުން ބައްދަލުކުރާނެ ވަގުތެއް ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުނު އިންތިހާބުތަކާ ދިމާކޮށް، ވެރިކަންކުރާ ޕީއެންސީން އިންތިޚާބުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތަކެއްވެސް އެމްޑީޕީން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. އެ މައްސަލަތައް ބެލުމަށް ގޮވާލައި އެމްޑީޕީގެ އިސް ބޭފުޅުން މީގެ ކުރިންވެސް ވަނީ އޭސީސީއަށް ގޮސް އިހުތިޖާޖު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު