ދަޢުލަތުގެ މާލީ އިދާރާ
ދަޢުލަތުގެ މާލީ އިދާރާ
ރާއްޖޭގެ ދަރަނި އިތުރުވާން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ތައްޔާރުކުރި 2018 ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާއި ގުޅޭ އޮޑިޓް ރިޕޯޓްގައި ދައުލަތުގެ ދަރަނި ހުންނަން ޖެހޭނީ ޖީޑީޕީއާއި އަޅާބަލާއިރު 60 އިންސައްތައިން ދަށުގައިކަމަށް ވަނީ ބުނެފައެވެ. އޮޑިޓް ރިޕޯޓްގައި 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 1.8 ބިލިއަން ރުފިޔާގައިކަމަށާއި، ނަމަވެސް އެޢަދަދު އިތުރުވަމުން ގޮސް 2018 ވަނަ އަހަރު އެޢަދަދު 3.08 ބިލިއަނަށް އިތުރުވެފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އެއީ 1.27 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ދައުލަތުގެ ދަރަނީގެ ނިސްބަތް 2014 ވަނަ އަހަރު 57 އިންސައްތާގައި ހުރުމަށްފަހު ދަޢުލަތުގެ ދަރަނި އިތުރުވާން ފަށާފައިވާކަމަށާއި، އެގޮތުން 2015 ވަނަ އަހަރު ޖީޑީޕީއާއި އަޅާބަލާއިރު ދަރަނި ހުރީ 56 އިންސައްތާގައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި 2016 ވަނަ އަހަރު އެޢަދަދު 64 އިންސައްތައަށް އިތުރުވިކަމަށާއި، 2018 ވަނަ އަހަރު އެނިސްބަތް 71 އިންސައްތައަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ދަރަނި ބޮޑަށް އިތުރުވެގެން ދިޔަ މައިގަނޑު ސަަބަބެއްކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މަޖިލީހުން ފާސްކުރާ މިންވަރަށްވުރެ ބަޖެޓް ޑެފިސިޓް އެއަހަރުތަކުގައި އިތުރުވެގެން ދިއުންކަމަށެވެ. އެގޮތުން ދަރަނި މެނޭޖު ނުކުރެވި އިތުރުވަމުން ގޮސްފައިވާއިރު، 2014 ވަނަ އަހަރު ފިޔަވާ ހުރިހާ އަހަރަކު ފާސްކުރި ބަޖެޓަށްވުރެ ދަރަނި އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

2014 ވަނަ އަހަރު ފާސްކުރި ބަޖެޓްގައި ދައުލަތުގެ ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 1.29 ބިލިއަން ގައިކަމަށްވިޔަސް އެއަހަރު ޑެފިސިޓް ވެފައިވަނީ 1.25 ބިލިއަން ރުފިޔާއިންނެވެ. ނަމަވެސް އެދަރަނި އިތުރުވަމުން ގޮސް 2015 ވަނަ އަހަރު ފާސްކުރި ބަޖެޓްގައި ޑެފިސިޓް ލަފާކޮށްފައިވަނީ 1.5 ބިލިއަން ކަމުގައި ވީ ނަމަވެސް އެއަހަރުގެ ބަޖެޓް ޑެފިސިޓް 4.1 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔަކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 6.7 ބިލިއަން ގައި ހުރިއިރު، 2017 ވަނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ހުރީ 2.2 ބިލިއަންގައެވެ.

ކޯވިޑް-19އާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރުވެފައިވާއިރު ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެފައިވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 އާއި ހަމައަށް ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ބިޔަ މަޝްރޫޢުތަކެއް ވެސް ހިންގަވާފައި ވެއެވެ. އޭގެ ތެރޭގައި އަތޮޅު ތަކުގެ ރަށްތަކާއި ގްރޭޓަރ މާލޭގައި ވެސް ބިޔަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.

އެގޮތަށް ބޮޑެތި ލޯނުތައް ނެގުމުން ރާއްޖޭގެ ދަރަނި ބޮޑުވާނެ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނުމުން ރައީސް ޔާމީން އޭރު ވިދާޅުވަމުން ގެންދެވީ ގައުމު ތަރައްގީ ކުރުމަށް ދަރަނި ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކަށްވާނީ ދަރަނި ދައްކާނެ އާމްދަނީ ހޯދަން ނޭނގުނީމާއި އާމްދަނީ ހޯދަން ނޭނގުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން