މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައަޅައިފައިވާއިރު މިއީ ވެރިކަމުގެ ނިޒާމުގެ ބަހުސް ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވާހަކައަކީ އެމަނިކުފާނު ވަރަށް ގިނައިން ދައްކަވާ ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް މިއީ، ވެރިކަމުގެ ނިޒާމުގެ ބަހުސް މަޖިލީހުގައި ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމްގެ މައްސަލަ އެޖެންޑާ ކުރުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެމަނިކުފާނަށް ލާޒިމްކުރާ ކަމެއް ކަމަށާއި، އެހެންކަމުން އެމައްސަލަ ގަވާއިދުގައިވާ ގޮތުގެ މަތިން އެޖެންޑާކުރައްވާނެ ކަމަށެވެ. އެހެންވެ، މަޖިލިހުގެ ގަވައިދުގެ ތެރެއިން ބިލުގެ ފުރަތަމަ ކިއުމާއި އިބްތިދާއީ ބަހުސް ހިނގާނެ ކަމަށާއި ބިލަށް ހައްދަވާނެ ގޮތެއް ނިންމަވާނީ މެމްބަރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައި ވަނީ ކުޑަކޮށް ވެސް އެ ބާވަތުގެ އިސްލާހެއް ނޫން. އަދި އެ މަގަށް ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަށް ވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ." ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ އިސްލާހަކަށް އެމަނިކުފާނު ވެސް އެދިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް މިއީ މި ބަހުސް ހިންގަންވީ ވަގުތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރަށްވަމުންނެވެ. ރާއްޖޭގެ ރައީސްކަން ކުރަށްވަން އެމަނިކުފާނު ދެން ބޭނުންފުޅު ނުވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް އެމްޑީޕީން ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށާއި އަދި އެކަން ވާން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވާފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމް ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަންގެ ބައެއް ލީޑަރުން ވެސް ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅެވެ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނިޒާމް ބަދަލުކުރީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، ނިޒާމް ބަދަލުކުރަން ބޭނުންވާނަމަ ދެންވެސް ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މުހިއްމު މަސައްކަތްތަކެއް އެ މަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން