މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ ފައިސާގައި ޖެހިފައިތިބި މީހުން އެނގޭއިރު ވެސް އެ ފަރާތްތަކާއި މެދު ދައުވާ ނުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށާއި، އެމައްސަލައިގައި ދައުވާ ނުކުރެވި ލަސްވާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށްވެސް އެއްވެސް މިންވަރަކަށް ވިސްނައިގަންނަންވެސް ނޭނގިގެން މިއުޅެނީ، އޮޅިފައި މިހުރީ އެމްއެމްޕީއާރުސީގެ މައްސަލަ ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރު އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ފުލުހުން ވެސް ޕްރޮސެކިޔުޓާ ޖެނެރަލް ވެސް އެއްވެސް ދައުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް. އެއީ ވަރަށް އަޅުގަނޑު ވަރަށް ބޮޑަށް ހުއްޓުން އަރާ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ހިޔާނާތް ހިންގެވިކަމަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފޯނުން ފޮނުވާފައިވާ 70،000 އަށް ވުރެ ގިނަ މެސެޖު ސީދާ އެމަނިކުފާނު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރަށްވާފައިވާނެކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެ މެސެޖުތަކުންވެސް ހިޔާނާތުގެ ބައިވެރިން އެނގެން އޮތްއިރު، އަދީބުގެ އިއުތިރާފުގައިވެސް އެކަމާ ގުޅޭ ގިނަ ވާހަކަތަކެއް އެގިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތަހުގީގީ މާހިރަކަށްވެސް ވާކަށް ނުޖެހޭ. ގާނޫނީ މާހިރަކަށްވެސް ވާކަށް ނުޖެހޭ. ލޯ ހުޅުވާފައި ލޯ މަރާލީމާހާ ސާފުކޮށް އޮތް ކަމެއް އަޅުގަނޑުވެސް ކަންބޮޑުވޭ ވަކި ކޮޅެއްގައި ނުޖެހި އޮންނާތީ." އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ އުފުލުން ލަސްވާތީ ކަންބޮޑުވުން ފާޅު ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން