އެމްޑީޕީގެ ވަގުތީ ޗެއާޕާސަން
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން
ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ސިޔާސީ މައިދާނުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ދެ ޕާޓީން މަޝްވަރާގެ މޭޒަށް އަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބުދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ޢަބުދުލްޣަފޫރުގެ ވާހަކަފުޅުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން މަޖިލިސް މެންބަރުންގެ މިނިވަންކަމަށް ހުރަސް އެޅި، މެންބަރުން "ތަޅުލެވިފައި" ތިބެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ކަންކަން ގޯހުން ގޯހަށް ދާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ގައުމުގެ ހަމަޖެހުމަށްޓަކައި މި އިސްލާހުތަކާމެދު އަލުން ވިސްނަންޖެހޭ ކަމަށެވެ.

ވެރިކަމުގެ ޒިންމާއާއި އިންސާފާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އިސްލާމީ ތާރީޚުން މިސާލު ނަންގަވައި ޢަބުދުލްޣަފޫރު ވިދާޅުވީ، ދައުލަތުގެ ވަލިއްޔުލްއަމުރުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ފައިސާއަށް ފުރިހަމައަށް ޒިންމާވާންޖެހޭނެ ބޭފުޅެއް ކަމަށެވެ. ޚަލީފާ އުމަރުގެފާނުގެ ޒަމާނުގައި ކޯރުގެ އައްސޭރީގައި އޮތް ކުއްތާއެއް މަރުވިޔަސް އެކަމުގެ ޒިންމާ ވެރިޔަކު އުފުލަންޖެހޭނެ ކަމަށް އޮންނަ އުސޫލު ހަނދާންކޮށްދެއްވައި، އޭނާ ބާރުއެޅުއްވީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ، ހާމަކަން ބޮޑު ދައުލަތެއް ހިންގުމަށެވެ.

ޣަފޫރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ކަމަށާއި، ވަކި މީހަކު އެކަހެރިނުކޮށް އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން މެނުވީ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނާނެ ކަމަށް ވިދާޅުވަމުންނެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތްކޮށް، ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތައް އަލުން މުރާޖައާކޮށް އެ އިސްލާހުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު