ހަތަރު ރަށެއްގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ފޯރުކޮށްދޭ މި ޚިދުމަތަކީ އަމިއްލަ ރަށުގައި ތިބެގެން ސްޕެޝަލިސްޓް ޑޮކްޓަރުން ނުވަތަ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ފަސޭހައިން ދެއްކޭނެ ގޮތް ފަހިކޮށްދިނުމަށް ފެށި މަސައްކަތެއްކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ މިހާތަނަށް 4 ރަށަކަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފަށާފައިވާކަމަށެވެ. އެންމެ ފުރަތަމަ މި ޚިދުމަތްފެށީ ޏ.ފުވައްމުލަކަށެވެ. އަދި އެއަށްފަހު މ. މުއްޔާއި ފ. ނިލަންދުއާއި، އަދި މިހާރު މިވަނީ ތ. ވިލިފުއްޓަށްވެސް މި ޚިދުމަތްދޭން ފަށާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޓެލެކޮންސަލްޓޭޝަންގެ 3 ސެޝަން ކޮންމެ ހަފްތާއަކު ބާއްވާނެ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ މީހުން، ހެލްތް ސެންޓަރާއި ގުޅައިގެން ޚިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޑޮކްޓަރަށް ދެއްކުމުގެ ސެޝަންތައް ކުރިއަށްގެންދަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ބޭސް ސިޓީ ލިޔެ ދިނުމާއި، ޓެސްޓުތައް ހެދުމަށް ލިޔުން ތައްޔާރުކޮށް ދޭނީ ހުޅުމާލެ ހޮސްޕިޓަލުން ބަލާ ޑޮކްޓަރާއި، އެރަށެއްގެ ހެލްތް ސެންޓަރުގައި ހުންނަ ޑޮކްޓަރު ގުޅިގެންނެވެ. އަދި ރިޕޯޓް ލިބުމުން ފޮލޯއަޕް ޗެކަޕްތައްވެސް ހަދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދައްކާ މީހުންގެ ލިސްޓު އެ ހޮސްޕިޓަލަށް ލިބުމުން، ޑޮކްޓަރުން ބަލާ ދުވަސްތަކާއި ގަޑިތައް ހޮސްޕިޓަލުން ތާވަލު ކުރާނެ ކަމަށެވެ. އަދި މީހުން ޑޮކްޓަރަށް ދައްކަން ނަން ނޯޓްކުރާ މިންވަރު އިތުރު ވާނަމަ، ސެޝަންތައް އިތުރުކުރާނެކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

މިވަގުތު ހުޅުމާލެ ހޮސްޕިޓަލުން 8 ދާއިރާއަކުން ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އެއީ ހިތުގެ ބަލިތައް، އެތެރެހަށީގެ ބަލިތައް، ހަމުގެ ބަލިތައް، ކަށީގެ ބަލިތައް، ކުޑަކުދިންގެ ޚާއްސަ ބަލިތައް، ކަރުން މަތީގެ ބަލިތައް، ނަފްސާނީ ބަލިތައް، އަންހެނުންގެ ޚާއްސަ ބަލިތައް އަދި ޖެނެރަލް ސަރޖަންގެ ޚިދުމަތް ހިމެނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އިތުރު ރަށްތަކުން ޚިދުމަތަށް އެދޭނަމަ އެ އިންތިޒާމްތައް ހުޅުމާލެ ހޮސްޕިޓަލުން ހަމަޖއްސައިދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަންތު ހެންވޭރު

15-Oct-2020

ތީވަރައް ރަންގަޅު ކަމެއް ރައްޔިތުން ބޭނުން ވަނީ ވެސް ފަސޭހައިން ކަން ކަން ވާން



ޓްރެންޑިން